ހުކުރު ދުވަހުރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އެކްސިޑެންޓްގައި އައިޝަތު ނަޒްރާ މަރުވެފައިވާތީ އެ އެކްސިޑެންޓުގެ މައްސަލަ މިހާރު މަރުގެ މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ 10:20 ހާއިރު ބާރު ސްޕީޑެއްގައި މާލެ އަމީނީ މަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލުން ބޮޑުތަކުރުފާނު މަގަށް ނިކުތް ސައިކަލެއް ކޮންޓުރޯލު ނުވެ ގޮސް ދުވާ ޓްރެކް މައްޗަށް ވެއްޓި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. މި އެކްސިޑެންޓް ހިނގި އިރު ސައިކަލުގެ ފަހަތުގައި އިނީ ޓިކްޓޮކްއިން ދިވެހިންގެ ތެރޭގައި މަގްބޫލުކަން ހޯދާފައިވާ އައިޝަތު ނަޒްރާ އެވެ.

އެ ސައިކަލު ދުއްވަން އިނީ އޭނާގެ ލޯބިވެރިޔާ އާޒިފް އަބްދުލް ހަކީމެވެ. ފުލުހުން ބުނެފައި ވަނީ އެ އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން އުމުރުން 24 އަހަރުގެ ފިރިހެން މީހާއަކީ ލައިސެންސް އޮތް މީހެއް ނޫން ކަމަށެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން އާޒިފް ބުނެފައި ވަނީ އޭނާ އެރޭ ސައިކަލު ދުއްވީ ބާރަށް ނޫން ކަމަށާއި ސައިކަލު ކަހާލައިގެން ދިޔައީ އެމީހުންގެ ފަހަތުން އައި ބަޔަކު ނަޒްރާއާ ފޮށޭތީ އޭނާ ފަހަތަށް ބަލާލި ވަގުތުގައި ކަމަށެވެ.

އުމުރުން 24 އަހަރުގެ ނަޒްރާ ވަނީ އެ އިކްސިޑެންޓަށް ފަހު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައެވެ. އެކްސިޑެންޓް ހިނގި އިރު ސައިކަލު ދުއްވަން އިން އޭނާގެ ލޯބިވެރިޔާ އާޒިފަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެފައިވަނީ ނަޒްރާ މަރުވެފައި ވަނީ އެކްސިޑެންޓްގެ ސަބަބުން އޭނާގެ ސިކުންޑިއަށް ލޭ އެޅިގެން ކަމަށެވެ.