މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާމަންގެ މަގާމުން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އިސްތިއުފާ ދެއްވައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެމްޕީއެލުން ވަނީ މުހައްމަދު ޒަކީ ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވިކަން ޔަގީން ކޮށްދީފައެވެ. ނަމަވެސް މަގާމުން އިސްތިއުފާދެއްވި ސަބަބު ހާމަ ކޮށްފައި ނުވާ ކަމަށް އެމްޕީއެލުން ބުނެއެވެ.

ޒަކީ މިއަދު އިސްތިއުފާ ދެއްވާފައިވާއިރު، ކޮވިޑްގެ ފުރަބަންދުގެ ތެރޭގައި އެމްޕީއެލްގެ ތެރެއިން ހިންގާފައިވާ އަށް މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ވަނީ ދާދި ފަހުން ޒަކީ ފަޅާއަރުވާލައްވާފައެވެ.

އެކަމާ ގުޅިގެން ޒަކީ ވިދާޅުވެފައި ވަނީ އެމްޕީއެލުން 8 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ވަގަށް ނެގި ފަރާތްތައް، ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ އެއްގޮތަށް ސަސްޕެންޑް ކުރެވިފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފައި ވާތީ ޒަކީ ވަނީ ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގެންފައެވެ. ޒަކީ ވިދާޅުވީ މިކަމުގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ މުވައްޒަފުން ވެސް ޝާމިލުވާ ކަމަށެވެ.

ޒަކީ ވިދާޅުވީ ވައްކަމުގެ ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑު ކުރުމަށް އެމްޕީއެލް ބޯޑުގެ ތިން މެންބަރުން ވޯޓު ދެއްވާފައި ވާއިރު، 4 މެންބަރުން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެމްޕީއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް-19ގެ ސަބަބުން ކުރި ލޮކްޑައުންގައި އެ ކުންފުނީގެ އޮޕަރޭޝަންސް ހިންގި މުއްދަތުގެ ތެރޭގައި ކުންފުނިން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ކުންފުނީގެ އިންޓާނަލް އޮޑިޓުން ރިޕޯޓެއް އެކުލަވާލާފައި ވާއިރު، އިތުރަށް ބަލަން ޖެހޭ ކަންކަން ފާހަގަ ކުރެވުމާއެކު އެކަންކަން ބެލުމަށް ތަހުގީގެއް ހިންހަމުން ދާ ކަމަށް އެމްޕީއެލުން ބުނެއެވެ.

އެމްޕީއެލުން ބުނީ އެ ކުންފުނިން ހިންގަމުންދާ ތަހުގީގުގައި މިހާތަނަށް ލިބުނު މައުލޫމާތު ތަކަށް ބިނާކޮށް، އެކަމުގައި ޝާމިލުވާ ކަމަށް ޝައްކު ކުރެވޭ މުވައްޒަފުން މިހާރު ސަސްޕެންޑްކޮށް މަސައްކަތުން އެކަހެރި ވަނީ އެކަހެރި ކޮށްފައެވެ. އަދި އިތުރަށް ތަހުގީގު ކުރުމަށް އޮޑިޓް އޮފީހަށާއި، އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވާ ކަމަށް އެމްޕީޢެލުން ބުނެއެވެ.