2019 ވަނަ އަހަރު ރައީސް އޮފީހުން މާލީ ހަރަދުތައް ކޮށްފައިވަނީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު އާންމު ކުރި ރައީސް އޮފީހުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 އަށް ނިމުނު މާލީ އަހަރުގެ ހަރަދުތައް ރައީސް އޮފީހުން ކޮށްފައިވަނީ އެ އަހަރަށް ރައީސް އޮފީހަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓުގެ މަގުސަދުތައް ހާސިލުވާ ގޮތަށް ކަމަށެވެ.

އަދި ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައް، ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް ހާސިލްކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުގެ އޮޑިޓްގައި ބުނެފައިވެއެވެ.

މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ރައީސް އޮފީހަށް ފާސްކޮށްފައިވަނީ 121 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރައީސް އޮފީހުގެ މުވައްޒަފުންގެ މުސާރައިގެ ހަރަދަށް 46.7 މިލިއަން ރުފިޔާ ހޭދަކުރި އިރު އެކި އެލަވެންސް ތަކާއެކު ޖުމްލަ 110 މިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހޭދަކޮށްފައިވެއެވެެ. ދަތުރު ފަތުރުގެ ހަރަދަށް 26.5 މިލިއަން ރުފިޔާ ހޭދަކުރި އިރު އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމަށް 5.3 މިލއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް ވާއިރު، ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިންނެވެ.