ފެކަނަ ކޯޕަރޭޝަނަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 35 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެ ކުންފުނިން ބުނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 އިން ފެށިގެން މިހާތަނަސް އެ ކުންފުނިން 49 އާ އިންޖީނުގޭގެ މަސައްކަތް ފަށާފައިވާ ކަމަށާއި 20 އިންޖީނުގޭގެ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި ކަރަންޓުގެ 77 މެގަވަޓް އިންސްޓޯލްކޮށް، މުޅި ރާއްޖޭގެ ހުރިހާ އިންޖީނުގެއެއް ސިންކްރޮނައިޒް ކުރެވި، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރެވިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ހައްލެއް ނުލިބި ޒަމާންވެ ދިގުލައިގެން ގޮސްފައިވާ ނަރުދަމާ ނިޒާމުތަކަށް ހައްލު ހޯދައިދީ، ރައްކާތެރި ފެނުގެ ހިދުމަތް ކަށަވަރު ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދިނުމާއެކު ސާފު ފައިދާގެ ގޮތުގައި 35 މިލިޔަން ރުފިޔާ ނެރެވުނުކަން މިދިޔަ އަހަރުގެ އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ކަށަވަރު ކުރެވިގެން ދިއުމަކީ ކުންފުނި ހިންގުމުގައި އިހްލާސްތެރިކަން އިސްކޮށް، އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ހެޔޮ ނިޔަތް ކުރިއަށް ނެރުމުގެ ނަތީޖާ ކަމަށް ފެނަކަ އިން ބުނެއެވެ.

މިއީ އެ ކުންފުނީގެ ތާރީހުގައިވެސް މާލީގޮތުން ލިބުނު އެންމެ ބޮޑު ކާމިޔާބީއަށްވާއިރު، ފެނަކަ އިން ބުނީ އެ ކުންފުނިން ދެމިއޮންނާނީ ރައްޔިތުންނަށް ދޭ ހިދުމަތް ފުރިހަމަކޮށް، ހަރުދަނާ ކަމާއެކު ހިދުމަތްދިނުމުގައި ކަމަށެވެ.