މައިބަނދައިގައި ޓިއުމަރެއް އިން އެއް އަހަރުގެ ތުއްތު ސާރާ ޝުރައިހް މުހައްމަދުގެ ތިން ވަނަ ސާޖަރީއާއެކު ޓިއުމަރުގެ އެއްބައި ނަގައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ސާރާގެ ބައްޕަ ޝުރައިހް މުހައްމަދު ބުނީ، މިދިޔަ ހޮނިހިރު ދުވަހު ސާރާގެ ސާޖަރީ ކޮށްފައި ވާ އިރު، ސާޖަރީއަށް 7 ގަޑިއިރު ހޭދަވި ކަމަށެވެ. ސާޖަރީ ކުރަން ދިޔަ އިރުވެސް ޑޮކްޓަރު ބުނެފައި ވަނީ ޓިއުމަރު އެއްކޮށް ނެގެން އޮތް ނަމަ އެއްކޮށް ނަގާނެ ކަމަށެވެ.

7 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ސާރާ ނިއުރޯ އައިސީޔޫގައި ބޭއްވިއެވެ. އޭގެފަހުން ކުޑަކުދިންގެ އައިސީޔޫއަށް ބަދަލުކޮށްފައި އޮތުމަށްފަހު ރޭގެ ވަގުތެއްގައި ރޫމަކަށް ބަދަލުކޮށްފައިވާ ކަމަށް ސާރާގެ ބައްޕަ ބުނެއެވެ. އަދި ސާރާ އޮޕަރޭޝަން ކުރި ފަހުން އޮތީ ވަރަށް ދުޅަކޮށް ކަމަށާއި ވާތު ފައިގެ ހަރަކާތެއް އަދި ނުފެންނަ ކަމަށް ވެސް ސާރާގެ ބައްޕަ ބުނެއެވެ.

ކީމޯގެ ކުރިން ސާރާ (ކ) ކީމޯގެ ފަހުން ސާރާ (ވ)

އޮޕަރޭޝަން ކުރަމުން ދިޔަ ވަގުތުވެސް ކުއްޖާގެ ވާތު ފައިގެ ހަރަކާތް މަޑުމަޑުން ދަށްވަމުން ދިޔަކަން ފާހަގަ ކުރެވުނު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުނެއެވެ. އަދި އޮޕަރޭޝަނަށް ފަހު ރިކަވާ ވުމުން މެނުވީ އެ ފައިގެ ހަރަކާތާ މެދު ވަކި އެއްޗެއް ބުނަން ދަތި ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ. ނަމަވެސް އޮޕަރޭޝަން ކުރި ވަގުތު އެއްވެސް ނާރަކަށް ގެއްލުމެއް ވީ ކަމަކަށް ޑޮކްޓަރުން ބުނެފައި ނުވާ ކަަމަށް ވެސް އޭނާ ބުނެއެވެ.

"މިފަހަރުވެސް ސާރާގެ ސާޖަރީ ކުރީ ސާރާގެ ފުރަތަމަ ސާޖަރީ ވެސް ކުރި ނިއުރޯ ޑޮކްޓަރު، އަދިވެސް އޭނާ އުންމީދެއް ކަނޑައެއް ނުލައި"
ސާރާގެ ބައްޕަ

ޓިއުމަރުގެ ބޮޑު ބައެއް ނުނެގުނީ މައިބަނދައިގައި ހުރި ނާރުތައް އެ ޓިއުމަރުގެ ތެރޭގައި އެކުވެ މަސްހުނިވެފައި ހުރުމުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. މި ވަގުތު ނެގެން އޮތް އެންމެ ބޮޑަކަށް ޓިއުމަރު ނެގުމަށް ފަހު މިހާރު ޓިއުމަރުގެ ނެގުނު އެތިކޮޅު ބަޔޮޕްސީ ހަދަން ފޮނުވާފައި ވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އެ ޓެސްޓުގެ ނަތީޖާ ލިބުމުން ދެން ކުރިއަށް ކަންތައް ކުރަންވީ ގޮތް އެނގޭނެ ކަމަށާއި ކީމޯ ކުރިއަށް ގެންދަން ޖެހޭނަމަ އެކަން ވެސް އެނގޭނީ އެ ޓެސްތުގެ ނަތީޖާއަށް ފަހު ކަމަށް ޑޮކްޓަރުން ބުނެއެވެ. މިހާ ތުއްތު ކުއްޖަކަށް ރޭޑިއޭޝަން ދިނުމަކީ ރަނގަޅުކަމެއް ނޫން ކަމުން މި އޮޕަރޭޝަނަށް ފަހު ސާރާގެ ޓިއުމަރު ވަރަށް ގާތުން ބަލަމުން ދާން ޖެހޭނެ ކަމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ.

"މީހާރު ވަރަށް ކައިރި ކައިރީގައި ސާޖަރީތައް ކޮށް، އަދި ކީމޯ ދީފަ، ބޭބީ ވަރަށް ވީކްވެފަ ހުންނާނީ. އެހެންވެ މިހާރު ފެމިލީން މި ވިސްނަނީ ކުޑަ ބްރޭކެއް ނަގާފައި މިކަމުގެ ސްޕެޝަލިސްޓް ތަނަކަށް ދައްކާލަން. އެހެން ގޮތެއް ވޭތޯ މި ވިސްނަނީ. ދެން މިކަމުގައި ޑޮކްޓަރު ކައިރީގައިވެސް އަހަން މިއުޅެނީ މިކަމުގައި ރަނގަޅު އެހެން ތަނެއް. އެހެން ގައުމަކުން ވިޔަސް ހޮސްޕިޓަލެއް އިނދޭތޯ؟"
ސާރާގެ ބައްޕަ

ސާރާގެ މަންމަ އާއި ބައްޕަ ބޭނުންވަނީ އެ ދެމަފިރިންގެ ދެލޮލުގެ ނޫރުފަދަ އެ ދަރިފުޅަށް އަވަސް ޝިފާއެއް މިނަވަރުކޮށް ދެއްވުމަށެވެ. ސާރާއަށް އެއް އަހަރުވީ އިރު ތިން ސާޖަރީ ކުރަން ޖެހުމަކީވެސް އެ ތުއްތު ކުއްޖާއަށް ދެވޭ ވަރަށް ބޮޑު ވޭނެއް ކަމަށް އެ ދެމަފިރިން ދެކެއެވެ. ނަމަވެސް ޓިއުމަރުގެ ސަބަބުން ސާރާއަށް ބޮޑުކަމު ދިއުމުގައި ދަތިތަކެއް ދިމާވެ ބޮޑު ބުންބާ ކުރަން ޖެހުމަކީވެސް އެ ކުއްޖާއަށް ވޭނެއް ކަމަށް އެ ދެމަފިރިން ދެކެއެވެ.

މިހާރު އެ ދެމަފިރިން ބޭނުން ވަނީ ސާރާއަށް އިތުރު ރަނގަޅު ފަރުވާއެއް ހޯދުމަށް މިފަދަ ބަލިތަކަށް ހާއްސަ ފަރުވާދޭ ހޮސްޕިޓަލެއް ހޯދާށެވެ. ސާރާގެ ސިއްހީ ހާލު މޮނިޓާ ކުރަމުން ދާއިރު ޓިއުމަރު އިތުރަށް ބޮޑުނުވާނަމަ އެ ކުއްޖާއަށް 3 އަހަރު ވަންދެން އިތުރު އޮޕަރޭޝަނަކަށް ނުގޮސް ތިބުމަށް ބޭނުންވާ ކަަމަށް ސާރާގެ ބައްޕަ ބުނެއެވެ.

ސާރާ އޭނާގެ މަންމަ އާއި ބައްޕައާ އެކު

މިދިޔަ ހޮނިހިރު ދުވަހު ސާރާގެ ތިންވަނަ ސާޖަރީ ކޮށްފައިވާ އިރު، މީގެ ކުރިން އެ ތުއްތު ކުއްޖާ ވަނީ ދެ ސާޖަރީ ކޮށްފައެވެ. އެގޮތުން ފުރަތަމަ އޮޕަރޭޝަންކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ދެވަނަ އޮޕަރޭޝަން ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ. ދެވަނަ އޮޕަރޭޝަން ކުރަން އިންޑިއާއަށް ދިޔަ ގޮތަށް އެ ކުޑަ އާއިލާ އިންޑިއާގައި ތިބޭތާ މިހާރު 5 މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

މިހާރުވެސް ސާރާއަށް އެހީ ހޯދުމަށް މާލެ9އާއި މަކުނޫދޫގައި އާންމުންނާއި އެ ދެމަފިރިންގެ އާއިލާއާއި ގާތް ރަހުމަތްތެރިން ދަނީ މަސައްކަތް ކުރަމުންނެވެ. މިފަދަ ބޮޑު ބައްޔަކަށް ބޭސްކުރަން މަސައްކަތް ކުރާއިރު އެ ކުޑައާއިލާއަށް ވަނީ އެހީތެރިކަން ބޭނުންވެފައެވެ. އާއިލާއިން އެދެނީ ސާރާއަށް ދީލަތި އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށާއި އެ ތުއްތު ކުއްޖާއަށް ހެޔޮ ދުއާ ކޮށްދިނުށެވެ.

ސާރާއަށް އެހީވުމަށް ބޭނުންވާ ފަރާތްތައް ސާރާގެ ބައްޕަ ޝުރެއިހް މުހައްމަދުގެ ނަންބަރު 9699276 އަށް ވައިބާ މެދުވެރިކޮށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

'ދަ ޕްރެސް'ގެ ދުއާއަކީ މާތްﷲ ސާރާ ޝުރެއިހް މުހައްމަދަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ.