ރަލަކީ ހުރިހާ ނުބައިކަމެއްގެ މަންމަ ކަމަށާއި މީހުން މަގު ފުރައްދަން ނޫޅުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ގޮވާލައްވައިފިއެވެ.

އިޔާޒް މިހެން ވިދާޅުވީ، ލޯކަލް ޓޫރިޒަމް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވުމުންނެވެ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

ޝަހީމްގެ މި ގޮވާލެއްވުމަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ، 24 ގަޑިއިރު ހަމައިގައި ތިބޭ ބަޔަކަށް ވާން ނޭދުނު ނަމަވެސް ހަމައިގައި ތިބެން ބޭނުންވާ މީހުން މަގު ފުރައްދަން ނޫޅުއްވުމަށެވެ. އަދި ރަލަކީ ހުރިހާ ނުބައި ކަމެއްގެ މަންމަގެ ގޮތުގައި ކީރިތި ރަސޫލާ ސިފަ ކުރައްވާފައި ވާ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވެފައި ވަނީ ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް ރާއްޖެއަށް ވަންނަ ފައިސާ އިތުރުކުރަން ޖެހޭ ކަމަށެވެ. އާމްދަނީ ލިބޭ އެންމެ ބޮޑު މަގަކީ ޓޫރިޒަމް ކަމަށާއި ގެސްޓްހައުސް ވިޔަފާރިއާ އެކު އޭގެ މަންފާ ރައްޔިތުންނަށް ލިބެން ފަށާފައިވާ ކަމަށެވެ. އެހެންކަމުން ރަށްރަށުގައި ގެސްޓުހައުސް ވިޔަފާރި ފެށިގެން ދިޔައީމައި، އެ ރަށްތަކުގެ ރައްޔިތުން ކާފަރު ވެގެން ނުދާ ކަމަށާއި ގެސްޓްހައުސް ވިޔަފާރި ޒަމާނާ އެއްގޮތަށް ތަރައްގީ ކުރެވެން ޖެހޭ އިރު އެ ރަށްރަށުގެ ރައްޔިތުން އެ ވިޔަފާރިއާ އެކީގައި ދިރިއުޅެން ދަނީ ދަސް ކުރަމުން ކަމަށް ޝަހީމް ވިދާޅުވެފައި ވެއެވެ.

މަޖިލީހުގައި ޝަހީމް މި މޭރުމުން ވާހަކަ ދައްކަވާފައި ވާއިރު، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ރާއްޖޭގެ ސަގާފީ ޓޫރިޒަމް އާއި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ވަގުތަކީ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ފުރުސަތުތައް ހޯދައި، ފަތުރުވެރިކަމުގެ ވިޔަފާރީގެ އާ އުކުޅުތައް ތައާރަފް ކުރަންވީ ވަގުތު ކަމުގައި މައުސޫމް ވަނީ ވިދާޅުވެފައެވެ.