އދ. ފެންފުށީގައި ގެއްލިގެން ހޯދަމުން ދިޔަ 4 އަހަރުގެ ފިރިހެން ކުއްޖަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ފެންފުށީގައި 4 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން އުޅޭ ކަމަށް މިއަދު 3:20 ހާއިރު ފުލުހުންނަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ހޯދުމުގެ މަަސައްކަތް ކުރަމުން ދަނިކޮށް ފެނުނީ މޫދުގައި އޮއްވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ކުއްޖާ މޫދުން ފެނިގެން އެރަށު ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މި މައުލޫމާތު ހިއްސާކޮށްފައި ވަނީ ހެލްތް ސެންޓަރާ ހަވާލާދީއެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

4 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮތްވާ މޫދުން ފެނިފައި ވާއިރު މިދިޔަ އަހަރުގެ ޖުލައި މަހު ވެސް ވަނީ 4 އަހަރުގެ ކުޑަ ފިިރިހެން ކުއްޖަކު އެކަނި މޫދަށް އެރި އުޅެނިކޮށް ނިޔާވެފައެވެ. އެ ހާދިސާގައި ނިޔާވި ކުއްޖާ ނިޔާވީ، އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށް މާފުށްޓަށް ގޮސް، އެރަށުން ކުއްޔަށް ހިފައިގެން އުޅުނު ގެއާ ދިމާލު މޫދަށް އެރި އުޅެނިކޮށެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު