ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު އަހަރު ކަމަށްވާ ނޮވެމްބަރު 17، 1953 އިން ފެށިގެން ނޮވެމްބަރު 17، 2018 ގެ ނިޔަލަށް ހިންގާފައިވާ މައްސަލަތައް ބެލުމަށް ހިމަނާ އިންތިގާލީ އިންސާފުގެ ބިލް 54 މެންބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިގޮތަށް ނިންމީ މި ބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމްގައި ލިބުނު ހިޔާލުތަކަށް ރިއާޔަތްކޮށް ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ތާރީހުން ފެށިގެން ހިނގާފައިވާ މައްސަލަތައް ބަލައި އޭގެ ސަބަބުން ގެއްލުން ލިބިފައިވާ މީހުންނަސް އިންސާފު ހޯދައި ދިނުމަށެވެ. އެގޮތުން ބިލު ހުށަހެޅި އިރު އޮތް މުއްދަތު ވަނީ މިހާރު އިތުރުކޮށްފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށައެޅިއިރު އޮތީ 1 ޖެނުއަރީ 2012 ވަނަ އަހަރުން ފެށިގެން 17 ނޮވެމްބަރު 2018 އާއި ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބެލުމަށެވެ.
މި ގާނޫނުގެ ދަށުން ފަރުދުންގެ މެދުގައި ސުލްހަކޮށް މުޖްތަމައު އެއްބައިވަންތަ ކުރުމަށް މަސައްކަތް ކުރުމާއި ގައުމުގެ އަމަން އަމާންކަން ދަމަހައްޓައި މަދަނީ މަސަލަސް ކަމަށް ޖާގަ ދިނުމާއި ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް އަދުލު އިންސާފަށް ވާސިލުވެވޭނެ މަގު ތަނަވަސްކޮށް ދެވޭނެ ކަމަށް ބަޔާންކޮށްފައިވ ވެއެވެ.
މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު އޮމްބަޑްސްޕާސަންގެ އޮފީހެއް އުފެދޭނެއެވެ. އެއީ އަމިއްލަ ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ މުސްތަގިއްލު ޝަހުސެކެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން މައްސަލަތައް ބެލުމަށްފަހު ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކަށް ރިއާޔަތްކޮށް، އެފަދަ އަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ތަސައްލީ ހޯދައި ދިނުމަށް މި ބިލުގައި ހިމެނެއެވެ. އަދި އަނިޔާ ލިބިފައިވާ ފަރާތާއި ދައުލަތާ ދެމެދު އިތުބާރު ގާއިމުކުރުމުގެ ގޮތުން އެ ފަދަ އަމަލުތައް ކުރިއަށް އޮތް ތަނުގައި ހިނގިޔަ ނުދިނުމަށްޓަކައި މުޖުތަމައު ހޭލުންތެރި ކުރުވުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ވެސް މި ބިލުގައި ހިމެނެއެވެ. މީގެއިތުރުން މި ފަދަ މައްސަލައެއްގެ ސަބަބުން އަނިޔާގެ ޝިކާރައަކަށްވީ ފަރާތަށް ލިބުނު އަނިޔާގެ ސީދާ އަދި ނުސީދާ ގެއްލުމުގެ ބަދަލު މި ބިލުގެ ދަށުން ނަގައިދެވޭނެއެވެ.
މި ގާނޫނަށް އަމަލު ކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.
އެންމެ ފުރަތަމަވެސް އައްޑޫ ގަމުގައި ޤާއިމު ކޮއްފައި ހުރި އެސެޓްތަކަކަށް އިހުމާލުވެ އެތަކެތި ނައްތާލާ އެވިއްކާލި މީހުނގެ ޝަރީޢަތް ހިންގަންވީ
ފުރަތަ ރައީސް އަންނި ވެރިކަން ވައްޓާލީ ބަގާވަތަކުންތޯ ނުވަތަ ނޫންތޯ ބަލާ ފައި ނޫންތޯ އެހެން މައްސަލަތަން ބަލާނީ މިހާރު ތިބުނާ މައްސަލަތަން ބަލަންޖެޖޭނީ މަރުވެ ފައި ތިބިމީހުން ކަންވަޅުން ނަގައިގެން ނޫންތޯ