ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް "އާސްކް ސްޕީކާ"ގެ ނަމުގައި ބާއްވާ ޕްރޮގްރާމުގެ ދެވަނަ ޕްރޮގްރާމު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

އަންނަ މަހު 7 ވަނަ ދުވަހުގެ ރޭ 9:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީގާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖަވާބު ދެއްވުމަށް ބާއްވާ ޕްރޮގްރާމެކެވެ. ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ސްޓޫޑިއޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް، ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ގެނެސްދޭނެއެވެ.

މަޖިލީހުން ބުނީ، މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާނެ ކަމަށެވެ. މަޖިލީހުގެ ރައީސާ ކުރަން ބޭނުންވާ ސުވާލު ފޮނުވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ސުވާލު ވީޑިއޯ ކޮށްގެން ފޮނުވޭނެ ގޮތާއި، މެސެޖު މެދުވެރިކޮށް ފޮނުވޭނެ ގޮތް ހަމަޖައްސާފައިވާނެ ކަމަށް މަޖިލީހުން ބުނެއެވެ. ފޯނު މެދުވެރިކޮށް ސުވާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރަން ޖެހޭނެ ކަމަށެވެ.

މަޖިލީހުގެ ރައީސާ ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުން އެމީހަކުގެ ނަމާއި ކުރަން ބޭނުންވާ ސުވާލު ޑިސެމްބަރު 7 ވަނަ ދުވަހުގެ 2:00ގެ ކުރިން މަޖިލީހުގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރަށް ފޮނުވުމަށް އެ އިދާރާއިން އެދެއެވެ. މަޖިލީހުގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރަކީ 7234566 އެވެ.

މީގެ އިތުރުން، ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުން AskSpeaker# ޖެއްސެވުމަށްފަހު ސުވާލު ޕޯސްޓް ކުރެވޭނެ ކަމަށް މަޖިލީހުން ބުނެއެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިސްނެގުމުގެ މަތިން މަޖިލީހާއި ދައުލަތުގެ މީޑިއާއާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މިއީ މިގޮތަށް އާންމު ރައްޔިތުންނަށް ހުޅުވާލާއިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމާށް މަޖިލީހުގެ ރައީސަކު ބާއްވާ ފުރަތަމަ ޕްރޮގްރާމެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު