ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހަބަށް ކެމްޕޭން ކުރުމުގައި ހަމަހަމަ ފުރުސަތު ލިބެމުން ނުދާތީ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މަޝްވަރާ ކުރަމުން ދާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިދިކޮޅުން އޮތީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރު ވެގެން ކަމަށާއި، ނަމަވެސް ކޮވިޑް-19ގެ ސަބަބުން ރަށްރަށަށް ދަތުރު ނުކުރެވޭތީ ކެމްޕޭން ކުރުމުގެ ފުރުސަތު ނެތް ކަމަށެވެ.

މިހެން ވިދާޅުވެ، އަދުރޭ ވަނީ ސަރުކާރުގެ އިސް ފަރާތްތަކުން ކެމްޕޭން ކުރަން ރަށްރަށަށް ދަތުރު ކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ވިދާޅުވީ އިންތިހާބު ބާއްވަން މަސައްކަތް ކުރަމުން މިދާ ދުވަސްވަރު ކެމްޕޭން ކުރުމުގެ ހަމަ ހަމަ ފުރުސަތެއް ނެތް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ކޯޓަށް ހުށަހެޅުމާ ގުޅޭގޮތުން ގާނޫނީ ޓީމާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވާދަވެރި އިންތިހާބެއް ބާއްވާއިރު ވާދަކުރާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ލިބިދޭން ޖެހޭ ކަމަށެވެ. އަދި މިއަދު އެ ފުރުސަތު ތަނަވަސްވެފައި ނެތް ކަމަށާއި، މިއަދުގެ ސަރުކާރުގެ ހުދުމަހުތާރު ކަމުން ކޮވިޑް ބޭނުންކޮށްގެން ވާދަވެރި ފަރާތްތައް ގޭބަންދުކޮށްފައި ބައިތިއްބައިގެން ސަރުކާރު ބޭނުން ނަތީޖާއެއް ހާސިލުވާ ގޮތަށް މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ކަރަންޓީނު ނުވެ، މާލެއިން ރަށް ރަށަށް ދަތުރު ނުކުރެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ނަމަވެސް މުހިންމު މަސައްކަތެއްގައި ދާ މީހެއް ނަމަ ކަރަންޓީނު ނުވެ 5 ދުވަހަށް ރަށްރަށުގައި އުޅެވޭނެ ކަމަށް ބުނެފައި ވެއެވެ. ސަރުކާރުގެ އިސް ފަރާތްތަކުން ދަނީ އެކަމުގެ ބޭނުންކޮށް، އެކި އެކި އިވެންޓުތަކަށް ރަށްރަށަށް ދަތުރު ކުރަމުންނެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު