މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފެށި ބޮޑު އޮޕަރޭޝަނެއްގައި ނޫސްވެރިން ބައިވެރިކޮށްފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެއޮޕަރޭޝަނުގައި ހަތަރު މީޑިއާއަކުން ބައިވެރިވެފައިވާ ކަމަށެވެ. މީޑިއާތައް މި އޮޕަރޭޝަންގައި ބައިވެރިކުރަނީ "އިމްޕެކްޓް ޖާނަލިޒަމް" އަށް ފުރުސަތު ދިނުމަށް ކަމަށް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެށި އެ އޮޕަރޭޝަނަކީ 72 ގަޑިއިރުގެ އޮޕަރޭޝަނެއް ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

މަސްތުވާތަކެތި ބޭނުން ކުރުމާއި އެތަކެތި ވިޔަފާރި ކުރުމާ ގުޅުން ހުރި އޮޕަރޭޝަންތަކުގައި ކުރިއަށް އޮތްތާނގައި ވެސް ނޫސްވެރިން ބައިވެރިކުރާނެ ކަމަށެވެ. އޭގެ މަގުސަދަކީ އެކި ކަންކަން ހިނގާ ގޮތާ ދޭތެރޭ ހޭލުންތެރިކަން އިތުރު ކުރުން ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އޮޕަރޭޝަނުގައި ފުލުހުންގެ ޑްރަގް އެންޑް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީޑީ) ގެ މީހަކު ކޮންމެ ނޫސްވެރިއަކާ ވަނީ ހަވާލުވެފައެވެ. އަދި އެއޮޕަރޭޝަން ހިންގާ ސަރަހައްދަށް ވަނުމުގެ ކުރިން އެ އޮޕަރޭޝަނެއް ހިންގަން އުޅޭ ތަނުގެ މައުލޫމާތު ނޫސްވެރިންނަށް ވެސް ނުދޭ ކަމަށް ވެއެވެ.

އެ އޮޕަރޭޝަނުގައި ބައިވެރިކޮށްފައިވަނީ ޕީއެސްއެމް އާއި ސަން އޮންލައިންގެ އިތުރުން ރާއްޖެ އެމްވީ އަދި މިހާރު އޮންލައިންނެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު