ލޯކަލް ޓޫރިޒަމް އިތުރަށް ތަރައްގީ ކުރުމަށްޓަކައި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ސަރުކާރަށް ގޮވާލައިފިއެވެ.

2021ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް މަޖިލީހުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް މިހާރު ތަޅުމުގައި ކުރިއަށްދާ ބަހުސްގައި ވާހަކަ ދައްކަވަމުން، ޝަހީމް އަބްދުލްހަކީމް ވިދާޅުވީ ދައުލަތުގެ ބަޖެޓު ފާސް ކުރާއިރު، ރައްޔިތުންނަށް ހަގީގީ ފައިދާ ހަމައަށް ލިބިގެން ދިއުމަކީ މަޖިލީހުގެ ހުރިހާ މެންބަރުންގެ އެދުމެއް ކަމަށެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ޝަހީމް ވިދާޅުވީ، ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށްޓަކައި، ރާއްޖެއަށް ވަންނަ ފައިސާ އިތުރުކުރަން ޖެހޭ ކަމަށާއި އާމްދަނީ ލިބޭ އެންމެ ބޮޑު މަގަކީ ޓޫރިޒަމް ކަމަށެވެ. އެހެންކަމުން ގެސްޓްހައުސް ވިޔަފާރިއާއެކު ގިނަ ބައެއްގެ ނުރުހުމާއެކު ވިޔަސް، އެ ސިނާއަތުގެ ސީދާ މަންފާ ރައްޔިތުންނަށް ލިބެން ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ރަށްރަށުގައި ގެސްޓުހައުސް ވިޔަފާރި ފެށިގެން ދިޔައީމަ، އެ ރަށްތަކުގެ ރައްޔިތުން ކާފަރު ވެގެންނެއް ނުދާ ކަމަށާއި އެ ރަށްރަށުގެ ރައްޔިތުން އެ ވިޔަފާރިއާ އެކީގައި ދިރިއުޅެން ދަނީ ދަސް ކުރަމުން ކަމަށްވެސް އަބްދުލްހަކީމް ވިދާޅުވިއެވެ. ނަމަވެސް، ގެސްޓްހައުސް ވިޔަފާރި، ޒަމާނާ އެއްގޮތަށް ތަރައްގީ ކުރެވެންޖެހޭކަން އޭނާ ވަނީ ތަކުރާރުކޮށް ފާހަގަ ކުރައްވައިފައެވެ.

މިއަދު މި ސުވާލު އުފެދެނީ ރަށްރަށުގައި ރާ ވިއްކަން ހުއްދަ ދިނީމާ، ދެން ވާނީ ކިހިނެއްތޯ؟ މި ވާހަކަ އަޅުގަނޑުމެން އެބަ ދައްކަންޖެހޭ. މިކަން ކުރެވޭނެ ގޮތެއް އަޅުގަނޑުމެން އެބަ ހޯދަންޖެހޭ
އަބްދުލްހަކީމް

ޝަހީމް އެހެން ވިދާޅުވެފައިވާއިރު، ޓުއަރިޒަމްގެ ގާނޫނަށް އިސްލާހުގެ ގެނައުމަށް ސަރުކާރުން ހުށައެޅި ބިލްގެ ކޮމެޓީ މަރުހަލާގައި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޝިޔާން، ރިސޯޓްތަކަށް އަންނަ ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ އޮންނައިރު ރަށްރަށުގައި ހިންގަމުންދާ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ރާ ވިއްކުމުގެ ހުއްދަ ނޯންނަ ކަމަށް ވިދާޅުވެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭނާގެ އެ ވާހަކަތަކަށް ވަރަށް ގިނަ ބަޔަކު ވަނީ ފާޑުކިޔުން އަމާޒުވެފައިވާއިރު، ޝިޔާން ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާ އޭނާ ދެކޮޅު ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ކޮމެޓީގައި އޭނާ ދެއްކެވި ވާހަކަތަކުގެ މާނަ އޮޅޭ ގޮތަށް ބައެއް މީޑިއާތަކުން ހަބަރު ފެތުރި ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު