މަގުމަތީގައި ގައިދާ އެއްގޮތަށް ދުއްވާ މީހުން ހުއްޓުވާ، ޗެކްކުރާ މިންވަރު ގިނަކަން ފާހަގަކުރެވޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެފައި ވާތީ އެކަމާ ގުޅިގެން އިންތި ވިދާޅުވީ ލައިސަންސް އޮތަސް ނެތަސް، ގަވާއިދާ ހިލާފަށް ބާރަށް ދުއްވާ މީހުން ހުއްޓުވުމުގެ ބަދަލުގައި، ހަވީރު ފިންޏަށް ދެމަފިރިއަކު އާދައިގެ ގޮތަށް ދުއްވާފައި ދާ ދިއުމުގައި ހުއްޓުވައި، ޗެކްކުރާލެއް ގިނަކަން ފާހަގަކުރެއްވޭ ކަމަށެވެ.

އެހެންކަމުން ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވައިގެން، އެންމެން ރައްކާތެރި ކުރަން ޖެހޭ ކަމަށްވެސް އިންތި ވިދާޅުވިއެވެ.

ލައިސަންސް އޮތަސް ނެތަސް ގަވާއިދާ ހިލާފަށް ބާރަށް ދުއްވާ މީހުން ހުއްޓުވުމުގެ ބަދަލުގައި، ހަވީރު ފިންޏަށް ދެމަފިރިއަކު އާދައިގެ ގޮތަށް ދުއްވާފައިދާދިއުމުގައި ހުއްޓުވައި، ޗެކްކުރާލެ ގިނަކަން ފާހަގަކުރެވޭ. ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވައިގެން، އެންމެން ރައްކާތެރިކުރަންޖެހޭ!
އިންތި

މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އެ އެކްސިޑެންޓްގައި ނިޔާވެފައި ވަނީ ސައިކަލުގެ ފަހަތުގައި އިން 24 އަހަރުގެ ދިވެހި އަންހެނެކެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ސައިކަލް ދުއްވަާފައި ވަނީ ލައިސަންސް ނޯންނަ މީހެއް ކަމަށާއި އެއީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މަލޭގައި ހިނގަމުން ދާ މިފަދަ އެކްސިޑެންޓްތަކުގައި މީގެ ކުރިން ވެސް މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި މާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ދަނީ ހިނގަމުންނެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ތިން ވަނަ ކުއާޓަރު (ޖުލައި އިން ސެޕްޓެމްބަރަށް) ގައި މާލޭގައި 304 އެކްސިޑެންޓު ވަނީ ހިނގާފައެވެ. އަދި އޭގެ ތެރެއިން 68 މީހަކަށް ވަނީ އަނިޔާ ލިބިފައެވެ.