ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ކ. ރަށްފަޅުހުރާ 4 ގައި މަސައްކަތް ކުރާ ބިދޭސީންގެ މެދުގައި ހިންގި ހަމަނުޖެހުން ހައްލުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި، މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައިވާ ނުވާ ކަމަށެވެ.
ރަށްފަޅުހުރާ 4 ގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރު 1:20 ހާއިރުއެވެ. މި ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ އެ ހަމަނުޖެހުން ހައްލުކޮށް ހަމައަކަށް އެޅުވުމަށް މަސައްކަތް ފަށާފައެވެ.
މި ހަމަނުޖެހުން ހިނގަން މެދުވެރިވީ ސަބަބު ހާމަކުރަމުން ފުލުހުން ބުނީ، ހަމަނުޖެހުން ހިނގީ ކޮވިޑާ ގުޅިގެން އެ ރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް މެނޭޖްމަންޓުގެ ފަރާތުން މުވައްޒަފުން ވަކި އުސޫލުތަކެއްގެ މަތިން ކަންކަން ކުރުމަށް އަންގާފައިވާތީ އެކަންކަމާ މެދު ހިތްހަމަނުޖެހިގެން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދިވެސް މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މި ރަށުގައި މަސައްކަތް ކުރާ ދެ ގްރޫޕްގެ ދެެމެދުގައި ވަނީ މާރާމާރިއެއް ހިނގާފައެވެ. އޭގެ ތެރެއިން އެއް ގްރޫޕުގައި ބަންގްލަދޭޝް މަސައްކަތްތެރިން ތިބިއިރު އަނެއް ގްރޫޕުގައި ތިބީ ލަންކާގެ މަސައްކަތްތެރިން ކަމަށް މައުލޫމާތު ލިބެއެވެ. ރަށްފަޅުހުރާ ގައި ތިބި ބިދޭސީންގެ މެދުގައި ހަމަނުޖެހުމެއް ހިނގާފައި ވާއިރު، އެރަށުގައި ތިބި ގިނަ އަދަދެއްގެ މަސައްކަތްތެރިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
ތަރައްގީ ކުރަމުންދާ ރިސޯޓްތަކުގައި ކޮވިޑް ފެތުރިފައި ވޭތޯ ބެލުމަށް އެޗްޕީއޭ އިން ހިންގި ސާވޭލަންސްގެ ތެރެއިން އެރަށުން ކޮވިޑަށް ޕޮޒިޓިވް ބަޔަކު ފެނުމާއެކު، އެރަށުގައި ތިބި މަސައްކަތްތެރިން ވަނީ ޓެސްޓު ކޮށްފައެވެ. އެގޮތުން، މިހާތަނަށް އައިރު 150 އަށް ވުރެ ގިނަ މަސައްކަތްތެރިން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެސް ވެފައެވެ.