ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ މަންމަ ނިޔާވެއްޖެއެވެ.

އެޗްއީއޯސީން މައުލޫމާތު ދީފައިވާ ގޮތުގައި، މައިމޫނާގެ މަންމަ ނިޔާވީ މިއަދު ހެނދުނު 10:22 ހާއިރު ކަމަށެވެ. އަދި މިއީ ކޮވިޑް-19އާ ގުޅުންހުރި ކަމެއް ނޫން ކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި މަރުހޫމާގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރެއްވުމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި އެ ސެންޓަރުން ވަނީ ދުއާކޮށްފައެވެ.

އަދި މި ކަމުގައި އާއިލާއިން ހިތާމަ ފާޅު ކުރުމަށްޓަކައި ބޭނުންވާ ވަގުތު ދިނުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ.

މައިމޫނާގެ މަންމަ މއިަދު ނިޔާވެފައި ވާއިރު، މިދިޔަ ސެޕްޓެމްބަރު މަހު 13 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޑީޖީ މައިމޫނާގެ މަންމަ ނިޔާވެފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައިމޫނާގެ މަންމަ ނިޔާވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށާއި މިފަދަ ދަތި، އުނދަގޫ ދުވަސްވަރެއްގައި މައިމޫނާއަށާއި އާއިލާއަށް ލިބިވަޑައިގަތް ހިތާމައަށް އިހްލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރުހޫމާއަށް ސުވަރުގެ މިނަވްރު ކުރެއްވުން އެދި އެމަނިކުފާނު ވަނީ ދުއާ ދަންނަވާފައެވެ. ނަމަވެސް އެ ޓްވީޓް ކުރިތާ އިރުކޮޅެއް ތެރޭ ވަނީ ޑިލީޓް ކުރައްވާފައެވެ.

އަދި އެކަމާ ގުޅިގެން ނަޝީދު ވަނީ ޑީޖީ މައިމޫނާ ކިބައިން މައާފަށް ވެސް އެދިވަޑައިގެންފައެވެ. ނަޝީދު ވިދާޅުވީ ކޮންމެ ދުވަހަކު މައިމޫނާ ކުރައްވާ ބުރަ މަސައްކަތް ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށާއި ހާއްސަކޮށް މި ދަނޑިވަޅުގައި މަންމަ ބަލިވުމުން ވާނެ ގޮތް އިހުސާސް ކުރެއްވޭ ކަމަށެވެ. އަދި ތައުޒިޔާ ވިދާޅުވެވުނީ ލިބިވަޑައިގެންނެވި ނުރަނގަޅު މައުލޫމާތަކުން ކަމަށާއި އެކަމަށްޓަކާ ނިހާޔަތަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ވަނީ އޭރު މައިމޫނާގެ މަންމަ އަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.