މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ތެރެއިން 8 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލާގައި ތުހުމަތުވާ މީހުން ސަސްޕެންޑް ކުރުމާ މެދު އެމްޕީއެލްގެ ބޯޑުން ވޯޓު ނުނަގާ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޝާހިދު އަލީ މިހެން ވިދާޅުވީ، އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޒަކީ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ޝާހިދު ވިދާޅުވީ، ޗެއާމަންގެ ޓްވީޓުގައި އޮތީ އޮޅުން އަރާ ގޮތަށް ލިޔެފައި ކަމަށާއި، ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ މީހުން ކުރިންވެސް ތިބީ ސަސްޕެންޑް ކުރެވިފައި ކަމަށެވެ. އަދި ބޯޑުގައި ނެގި ވޯޓަކީ އެކަމަށް ނެގި ވޯޓެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ބޯޑުން ވޯޓު ނެގީ ކޮރަޕްޝަނުގެ ތުހުމަތުވާ މީހުންގެ އިސް މީހެއްގެ ގޮތުގައި ހުރި މީހާއަށް ބަލަންވާ ވަރަށް ބެލިފައިވޭތޯ ނުވަތަ ނޫންތޯ ނިންމުމަށްޓަކައި ކަމަށެވެ.

ޝާހިދު އެ އިޝާރާތް ކުރައްވާ ޓްވީޓުގައި ޗެއާމަން ޒަކީ ވިދާޅުވީ އެމްޕީއެލުން 8 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ވަގަށް ނެގި ފަރާތްތައް، ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ އެއްގޮތަށް ސަސްޕެންޑް ކުރެވިފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފައި ވާތީ ޒަކީ ވަނީ ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގެންފައެވެ. ޒަކީ ވިދާޅުވީ މިކަމުގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ މުވައްޒަފުން ވެސް ޝާމިލުވާ ކަމަށެވެ.

ޒަކީ ވިދާޅުވީ ވައްކަމުގެ ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑު ކުރުމަށް އެމްޕީއެލް ބޯޑުގެ ތިން މެންބަރުން ވޯޓު ދެއްވާފައި ވާއިރު، 4 މެންބަރުން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެމްޕީއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް-19ގެ ސަބަބުން ކުރި ލޮކްޑައުންގައި އެ ކުންފުނީގެ އޮޕަރޭޝަންސް ހިންގި މުއްދަތުގެ ތެރޭގައި ކުންފުނިން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ކުންފުނީގެ އިންޓާނަލް އޮޑިޓުން ރިޕޯޓެއް އެކުލަވާލާފައި ވާއިރު، އިތުރަށް ބަލަން ޖެހޭ ކަންކަން ފާހަގަ ކުރެވުމާއެކު އެކަންކަން ބެލުމަށް ތަހުގީގެއް ހިންހަމުން ދާ ކަމަށް އެމްޕީއެލުން ބުނެއެވެ.

އެމްޕީއެލުން ބުނީ އެ ކުންފުނިން ހިންގަމުންދާ ތަހުގީގުގައި މިހާތަނަށް ލިބުނު މައުލޫމާތު ތަކަށް ބިނާކޮށް، އެކަމުގައި ޝާމިލުވާ ކަމަށް ޝައްކު ކުރެވޭ މުވައްޒަފުން މިހާރު ސަސްޕެންޑްކޮށް މަސައްކަތުން އެކަހެރި ވަނީ އެކަހެރި ކޮށްފައެވެ. އަދި އިތުރަށް ތަހުގީގު ކުރުމަށް އޮޑިޓް އޮފީހަށާއި، އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވާ ކަމަށް އެމްޕީޢެލުން ބުނެއެވެ.