މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ތެރެއިން 8 މިލިއަން ރުފިޔާގެ ހިޔާނާތެއް ހިންގާފައި ވާކަން އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޒަކީ ހާމަ ކުރައްވައިފިއެވެ.
އޭނާ މިކަން ހާމަ ކުރެއްވީ އިއްޔެ ކުރެއްވި ޓުވީޓެއްގައެވެ. ޒަކީ ވިދާޅުވީ އެމްޕީއެލުން 8 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ވަގަށް ނެގި ފަރާތްތައް، ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ އެއްގޮތަށް ސަސްޕެންޑް ކުރެވިފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފައި ވާތީ ޒަކީ ވަނީ ވަރަށް ބޮޑަށް މައާފަށް އެދިވަޑައިގެންފައެވެ. ޒަކީ ވިދާޅުވީ މިކަމުގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ މުވައްޒަފުން ވެސް ޝާމިލުވާ ކަމަށެވެ.
ޒަކީ ވިދާޅުވީ ވައްކަމުގެ ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑު ކުރުމަށް އެމްޕީއެލް ބޯޑުގެ ތިން މެންބަރުން ވޯޓު ދެއްވާފައި ވާއިރު، 4 މެންބަރުން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވާ ކަމަށެވެ. ވައްކަމުގެ ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑް ކުރުމުގެ މައްސަލާގައި ޑިރެކްޓަރުންގެ ބޯޑުން ވޯޓު ދެއްވި މެންބަރުން ވޯޓު ދެއްވި ގޮތް ހާމަ ކުރެވެން ނެތް ކަމަށް ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއެވެ.
މިކަމާ ގުޅިގެން އެމްޕީއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް-19ގެ ސަބަބުން ކުރި ލޮކްޑައުންގައި އެ ކުންފުނީގެ އޮޕަރޭޝަންސް ހިންގި މުއްދަތުގެ ތެރޭގައި ކުންފުނިން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ކުންފުނީގެ އިންޓާނަލް އޮޑިޓުން ރިޕޯޓެއް އެކުލަވާލާފައި ވާއިރު، އިތުރަށް ބަލަން ޖެހޭ ކަންކަން ފާހަގަ ކުރެވުމާއެކު އެކަންކަން ބެލުމަށް ތަހުގީގެއް ހިންހަމުން ދާ ކަމަށް އެމްޕީއެލުން ބުނެއެވެ.
އެމްޕީއެލުން ބުނީ އެ ކުންފުނިން ހިންގަމުންދާ ތަހުގީގުގައި މިހާތަނަށް ލިބުނު މައުލޫމާތު ތަކަށް ބިނާކޮށް، އެކަމުގައި ޝާމިލުވާ ކަމަށް ޝައްކު ކުރެވޭ މުވައްޒަފުން މިހާރު ސަސްޕެންޑްކޮށް މަސައްކަތުން އެކަހެރި ވަނީ އެކަހެރި ކޮށްފައެވެ. އަދި އިތުރަށް ތަހުގީގު ކުރުމަށް އޮޑިޓް އޮފީހަށާއި، އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވާ ކަމަށް އެމްޕީޢެލުން ބުނެއެވެ.