ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވުނު 1 ވަނަ އިސްލާހް ބާތިލް ކުރަން އެހި ވޯޓުން އެ އިސްލާހު ބާތިލު ކުރަން ފާސް ނުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމުގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެއްޖެއެވެ.

އުޝާމް ވިދާޅުވީ މި އިސްލާހު ބާތިލް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެ ވަޑައިގެންނެވި ވައުދުފުޅެއް ކަމަށެވެ. އަދި އެ އިސްލާހަށް އިއްޔެ މަޖިލީހުގައި ވޯޓަށް އެހުމުން ފާސް ނުވިކަން ފާހަގަ ކުރައްވާ މަޖާޒީ ގޮތަކަށް އޭނާ ވިދާޅުވީ "ވައުދުވެފައި ވައުދު ފުއްދޭނީ ދެން މިހާކަން ވަރަށް" ކަމަށެވެ.

މި އިސްލާހު ބާތިލު ކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރު އޮގަސްޓް މަހެވެ. މި އިސްލާހު ބާތިލް ކުރުުމަށް މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ފާސް ނުވުމުން އުޝާމްގެ ފާޑުކިއުން އަމާޒުވެފައި ވާއިރު، މި ބިލު މަޖިލީހަށް ހުށަހެޅުމަށް ފަހު ގިނަ ދުވަހު ޕާކް ކޮށްފައި އޮތުމުން ވެސް އުޝާމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭރު އުޝާމް ވަނީ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުގެ އިހްލާސްތެރި ނިޔަތެއް ނެތް ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ.

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވުނު 1 ވަނަ އިސްލާހުގައި ވާ ގޮތުން ހޯމް މިނިސްޓްރީން ލިޔުމުން ހުއްދަ ހޯދައިގެން މެނުވީ މުޒާހަރާ ކުރެވޭނީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަނި ކަމަށެވެ. މި އިސްލާހު ތަސްދީގު ކުރުމާ އެކު އެއްވެ އުޅެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ހޯމް މިނިސްޓްރީން ވަނީ އޭރު އިއުލާން ކޮށްފައެވެ.

ކުރިން ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާ ކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށާއި ހުއްދަ ހޯދަން ޖެހުމަކީ އެއްވެ އުޅުމުގެ ހައްގަށް ހުރަސް އެޅުން ކަމަށް މި ސަރުކާރުން އައީ ބުނަމުންނެވެ. ނަމަވެސް ހުއްދަ ހޯދައިގެން ނޫނީ މުޒާހަރާ ނުކުރެވޭނެ ކަމަށް ނިންމުމަކީ ކުރީ ސަރުކާރުން އެ ހައްގު ހަނިކުރި ގާނޫނަށް އަމަލު ކުރަން މި ސަރުކާރުން ވެސް ނިންމުމެވެ. ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައި ވާ އެއްވެ އުޅުމުގެ ހައްގު ހަނިކޮށް ގާނޫނަށް ގެނައި އެ އިސްލާހު އުވާލުމަކީ މި ސަރުކާރުގެ ވައުދެކެވެ.

އެއްވެ އުޅުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރު އިދިކޮޅު ފަރާތްތައް ނުވަތަ މިހާރު ވެރިކަން ކުރާ ކޯލިޝަނުން ސިލްސިލާކޮށް މުޒާހަރާ ކުރަން ފެށުމުން އެކަމަށް ހުރަސްއެޅުމުގެ ގޮތުންނެވެ.