ކޮވިޑް-19އާ ގުޅިގެން މާލެ ހިޔާ ފުރަގަހުގައި ހިންގާ ފްލޫ ކްލިނިކްގެ ހިދުމަތްތައް ހުއްޓާލަން ނިންމައިފިއެވެ.

އައިޖީއެމްއެޗުން ބުނީ، މި ފްލޫ ކްލިނިކުން ހިދުމަތް ދިނުން މެދު ކަނޑާލާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ. މި ފްލޫ ކްލިނިކުން ދޭ ހިދުމަތްތައް މެދުކަނޑާލަން ނިންމި ސަބަބެއް އައިޖީއެމްއެޗުން އަދި ކަމާ ގުޅޭ އެއްވެސް އެހެން އިދާރާ އަކުން ވެސް މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

އައިޖީއެމްއެޗުން ބުނީ މި ފްލޫ ކްލިނިކުން ހިދުމަތް ދިނުން ހުއްޓަލިޔަސް، ސެނަހިޔާގައި ހުންނަ ފްލޫ ކްލިނިކުން ދެމުން ގެންދާ ހިދުމަތް ކުރިއެކޭ އެއްފަދައިން ދެމުން ގެންދާނެ ކަމަށެވެ.

މާލެ ހިޔާ ފުރަގަހުގައި ހުންނަ ފްލޫ ކްލިނިކް ފުރަތަމަަ އެކުލަވާލީ ޓްރެވެލް ކްލިނިކެއްގެ ގޮތުގައެވެ. ޓްރެވެލް ކްލިނިކް ނުވަތަ ދަތުރުވެރިންގެ ކްލިނިކުން ހިދުމަތް ދިނީ ރާއްޖެއިން ބޭރުން ރާއްޖެ އަންނަ މީހުންގެ ތެރެއިން ކޮވިޑްގެ އަލާމާތްތައް ފެންނަ މީހުންނަށެވެ. ނަމަވެސް މި ކްލިނިކް ވަނީ ފަހުން ފްލޫ ކްލިނިކަކަށް ބަދަލު ކޮށްފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެން ފެށީއްސުރެ މި ފްލޫ ކްލިނިކްތައް ގާއިމްކޮށް ހިދުމަތް ދެމުން ގެންދާއިރު، ކޮވިޑް ޖެހިފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް މި ކްލިނިކްތަކުން ކޮންމެ ދުވަހަކުވެސް ދަނީ ކުރަމުންނެވެ. އެހެންކަމުން ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކު ވެސް މި ކްލިނިކްތަކަށް ޒިޔާރަތް ކުރެއެވެ.

އެގޮތުން ދާދި ފަހުން އެޗްއީއޯސީއިން ވަނީ ފްލޫ ކްލިނިކުން ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަކަން ފާހަގަކޮށް، އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު