މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ހޯދަމުންދާ މީހެއްގެ ވަނަވަރު އާންމުކޮށްފިއެވެ.

ވަނަވަރު އާންމުކޮށް، ކޯޓު އަމުރަކާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ، ށ. ފޭދޫ، ޗޭނުގެ، ސައީދު ހަސަން (47އ) އެވެ. ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ނެރެފައި ވަނީ، އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށް ދިނުމަށެވެ.

އެހެންކަމުން ފުލުހުން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ސައީދު ހޯދަމުން ދަނީ ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ބަލަމުންދާ ޑައިމޯފިނުން މުއާމަލާތް ކުރުމާއި ބަނގުރާ ގެންގުޅުމުގެ މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލާގައި އެކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ މަހު 2 ވަނަ ދުވަހުގެ 10:30 އަށް ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރުގައި ވެއެވެ.

އެހެންކަމުން، ސައީދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅައި އެކަން ހިއްސާ ކޮށް ދިނުމަށް ފުލުހުން އެދެއެވެ. ހަމައެއާއެކު، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ފުލުހުން ވަނީ މީގެ ކުރިން ވެސް މިފަދައިން ކޯޓަށް ހާޒިރު ކުރަން ބޭނުންވާ މީހުން، ނުވަތަ އެކި އެކި މައްސަލަަތަކުގައި ފުލުހަށް ހާޒިރު ކުރަން ބޭނުންވާ މީހުންގެ ވަނަވަރު އާންމުކޮށް، އާންމުންގެ އެހީތެރިކަން ހޯދާފައެވެ. ހަމައެއާއެކު، ވައްކަމުގެ ގިނަ މައްސަލަތަކުގައި، ތަންތަނުގެ ސީސީޓީވީ ފޫޓޭޖް އާންމު ކޮށްގެން ވެސް ފުލުހުން ވަނީ އެކި މީހުންގެ މައުލޫމާތު ހޯދާފައެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު