ކޮވިޑް-19 ބަލީގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ގެންނަން އުޅުނު ވެންޓިލޭޓަރު ތަކަށް ވީ ގޮތަށް ވެކްސިނަށް ވިޔަ ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަމާލުވާން ޖެހޭ ކަމަށް އެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ގައްދޫ ދާއިރާގެ މެންބަަރު އަހުމަދު ޒާހިރު، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ކުރެއްވި ސުވާލާއި، އޭގެ ޖަވާބު މަޖިލިސް ތަޅުމުގައި އިއްވުމުގެ ފުރުސަތު ދިނުމުގެ ކުރިންނެވެ. އެމަނިކުފާނު ވިދާޅުވީ މެންބަރުގެ ސުވާލަށް ޖަވާބު ދެއްވުމަށް މިއަދު ހެލްތް މިނިސްޓަރު މަޖިލީހަށް ވަޑައިގެންނެވި ނަމަ އިތުރު ސުވާލު ކުރުމުގެ ފުރުސަތުގެ ތެރެއިން ވެކްސިންގެ ވާހަކަ އެހުނީސް ކަމަށެވެ.

އަދި އަދަށްވެސް ވެންޓިލޭޓަރުތައް ލިބިފައި ނުވާ ކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުތަކަށް ވީ ގޮތް ވެކްސިނަށް ވެއްޖެ ނަމަ އެކަން ވާނީ ވަރަށް ހައްސާސް މައްސަލައަކަށް ކަމަށެވެ.

ރައީސް ނަޝީދު ފާހަގަ ކުރެއްވީ، ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ވެންޓިލޭޓަރު ގެންނަން ކުރި މަސައްކަތުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކާއި އެ ވެންޓިލޭޓަރުތައް އަދިވެސް ނުލިބި އޮތް އޮތުމަށެެވެ. އެ މައްސަލާގައި އޭރު ހެލްތް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީނަށް ކޮރަޕްޝަނުގެ ތުހުމަތުތައް ކޮށްފައި ވާއިރު، އޭނާ މަގާމުން އިސްތިއުފާ ދީފައި ވަނީ އެކަމާ ހެދިއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެންނަން އުޅުނު ވެންޓިލޭޓަރުތަކާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން މައްސަލަ ބެލީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެންނެވެ. ވެންޓިލޭޓަރު ގެންނަން އެ ކުންފުންޏާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އޭސީސީން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެކި ނެތް ކަމަށެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު