މާލޭ ފަޅުތެރޭ މޫދަުގައި މަރުވެފައި އޮތް އިނގިރޭސިވިލާތުގެ މީހާ މޫދަށް އެރުނީ އަމިއްލައަށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ސީސީޓީވީ ފުޓޭޖް އިން އެމީހާ ހެނދުނު 9:29 އެހާއިރު އެ ސަރަހައްދަށް އަމިއްލަ އަށް މޫދަށް އެރޭ މަންޒަރު ފެނިފައިވާ ކަމަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ހަށިގަނޑު ފެންމަތީގައި ހަރަކާތެއް ނެތި އޮންނަ މަންޒަރު ފެންނަ ކަމަށް ފުލުހުން ބުނެއެވެ.

މާލޭ ފަޅުތެރޭ އިއްޔެ މޫދަށް ވެއްޓި މަރުވެފައި އޮތް މީހަކު ފެނުނީ ހެނދުނު 10 އެއް ޖަހަން އުޅެނިކޮށެވެ. އެ މީހާ އޮތީ ފުލުހުންގެ ޓޯޔާޑާ ދިމާ މޫދު ފަޅުތެރޭގައެވެ. އަދި އޭނާ ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އިއްޔެ މޫދަށް ވެއްޓިފައި އޮތް މީހަކު ފެނުނު އިރު، ހުސްވި އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުވެސް ވަނީ މޫދުގައި މަރުވި މީހަކު ފެނިފައެވެ. މުހައްމަދު ސިދުރަތުﷲ ނަމަކަށް ކިޔާ އެމީހާ ފެނުނީ އައިޖީއެމްއެޗާ ދިމާ މޫދުގައި މަރުވެފައި އޮއްވައެވެ.

އޭނާގެ މަރާ ގުޅިގެން ފުލުހުން ވަނީ، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްވެސް ހަދާފައެވެ. އަދި ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން ބުނީ އޭނާ މަރުވީ ގެނގިގެން ކަމަށެވެ.