ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ލ. ކަޅައިދޫގައި ސަރުކާރުން ބިނާކުރުމަށް ނިންމާފައިވާ "ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު" ގެ މަޝްރޫއާ ގުޅޭގޮތުން ކަމާގުޅޭ ވަޒީރުންނާއި މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނައިބު ވަނީ ޒުވާނުންގެ ކަންކަން ހަރުދަނާކޮށް ބާރުވެރިކުރުވައި ހުރިހާ ޒުވާނުންނަކީ މަސައްކަތްތެރި އަދި ގައުމަށް ފާއިދާކުރަނިވި ބަޔަކަށް ހެދުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އެ ގޮތުން ކަޅައިދޫގައި ބިނާކުރާ މި މަރުކަޒުން ޒުވާނުންނަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތާއި އަމިއްލަ މަސައްކަތެއް ފަށައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އެ މީހުންނަކީ ފޯރުންތެރި ބަޔަކަށް ހެދުމަށް މަގުފަހިކޮށްދިނުން އެއީ މި މަރުކަޒުގެ މުހިންމު އެއް އަމާޒުކަން ފާހަގަކުރެއްވިއެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގެ ބައިވެރިން ވަނީ އެ މަޝްރޫއުގައި ބައިވެރިވާ ވުޒާރާތަކާއި މުވައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގެ ގޮތުން މަޝްވަރާކޮށްފައި ކަމަށެވެ. އެ ގޮތުން ބައްދަލުވުމުގެ ބައިވެރިން އެ މަޝްރޫއާ ގުޅޭގޮތުން އެ ފަރާތްތަކުގެ ހިޔާލާއި ވިސްނުން ނައިބާ ހިއްސާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ކަޅައިދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އެ މަރުކަޒަކީ ޒުވާނުންނަށް އަމާޒުކޮށް ތައުލީމާއި ހުނަރާއި ތަރުބިއްޔަތުގެ އެކިއެކި ޕްރޮގްރާމުތައް ހިންގުމަށް ބިނާކުރާ މަރުކަޒެއް ކަމަށާއި އެ މަރުކަޒުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވާ މީހުންނަށް ބޭނުންވާނެ އެކި ވަސީލަތްތައް އެ ރަށުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އެ ޕްރޮގްރާމުތައް ފުރިހަމަކުރާ ފަރާތްތަކަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތާއި އަމިއްލަ މަސައްކަތެއް ފަށައި ގަތުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ހުސްވި ހަފުތާ ބަންދުގައި ނައިބު ރައީސް ފައިސަލް ވަނީ ލ. ކަޅައިދުއަށް ވަޑައިގެން، "ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު" ބިނާކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ޒިޔާރަތްކުރައްވާ އެ ސަރަހައްދު ބައްލަވާލައްވާފައެވެ.