ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އިތުބާރު އޮތް ކަމަށް މަޖިލީހުން ނިންމައިފިއެވެ.

މިނިސްޓަރު އިމްރާނަށް އިތުބާރު ނެތް ކަމަށް ބުނެ 11 މެންބަރުން ސޮއިކޮށް މަޖިލީހަށް ވެއްދި މައްސަލައަށް މެންބަރުން ވަނީ މިއަދު މިނިސްޓަރުގެ ހާޒިރުގައި ބަހުސް ކުރައްވާފައެވެ. ބަހުސްއަށް ފަހު ނެގި ވޯޓުގައި މިނިސްޓަރު އިމްރާނަށް އިތުބާރު އޮތް ކަމަށް 53 މެންބަރުން ވޯޓު ދެއްވި އިރު، އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ ހަމައެކަނި 11 މެންބަރުންނެވެ.

ދެ ގަޑިއިރަށް ދެމިގެން ދިޔަ މި މައްސަލައިގެ ބަހުސްގެ ވަގުތުގައި ގިނަ އެމްޑީޕީ މެންބަރުން ފާހަގަ ކުރެއްވީ އިމްރާނންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިގެން އުޅެނީ އޭނާ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރާތީ އެކަން ހުއްޓުވުމަށް ކަމަށެވެ. ހަމައެއާއެކު، މިނިސްޓަރު އިމްރާނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހުށަހެޅުމުން ގަބޫލު ނުކުރެއްވީތީ، އެކަމުގެ އަދަބުގެ ގޮތުން ކަމަށް ވެސް މެންބަރަކު ވިދާޅުވިއެވެ.

އިދިކޮޅު މެންބަރުން މިނިސްޓަރު އިމްރާން ފާހަގަ ކުރެއްވީ އިލްމު އުނގެނިގެން ހުންނެވި މުނާފިގެއްގެ ސިފައިގައެވެ. އެގޮތުން، އެމްޑީޕީއަކީ އަބަދުވެސް އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަދި އަންހެނުންގެ ހައްގުތަކުގެ ދިފާއުގައި ވާހަކަ ދައްކާ ޕާޓީއެއް ކަން ފާހަގަ ކުރައްވާ ނައިފަރު ދާއިރާގެ މެންބަރު އަހްމދު ޝިޔާމް ވިދާޅުވީ، މިއަދު ހުށަހަޅާފައިވާ މައްސަލާގައި އެމްޑީޕީން އިމްރާނުގެ އިތުބާރު ނެތް ކަމަށް ތާއީދު ނުކޮށްފި ނަމަ އޭގެ މާނައަކީ އަންހެނުންނަށް ކުރާ ޖިންސީ އަދި އެހެނިހެން އަނިޔާއަށްވެސް އެމްޑީޕީއިން އާއެކޭ ބުނުން ކަމަށެވެ.

މި މައްސަލަ މަޖިލީހުގައި ކުރިއަށް ދިޔައިރު، މިނިސްޓަރު އިމްރާނަށް ވެސް ވަނީ ދިފާއުވުމުގެ ފުރުސަތު ލިބި ވަޑައިގެންފައެވެ. އެގޮތުން އޭނާ ވިދާޅުވީ، ސިޔާސީ ފިއްތުންތަކުގެ ސަބަބުން ގައިދީއަކު މިނިވަން ކުރުމުގެ މޭސްތިރިއަކަށް ނުވާނެ ކަމަށެވެ. އަދި މި މައްސަލަ މަޖިލީހަށް ވެއްދި އިދިކޮޅު މެންބަރުންނަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ، އަނިޔާވެރިކަމާއި ބޭއިންސާފާއި ކޮރަޕްޝަންއާއި ފަސާދައިގެ ވަކިތަކުން އަދުލުއިންސާފު ގާއިމްކުރުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރު، ކުޑަ ކަކޫ މައްޗަށް ތިރި ކުރި ދުވަސް މާޒީވެ ހިނގައްޖެ ކަމަށެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި، މިއަހަރުގެ ޖޫން މަހު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން މިނިސްޓަރު ދެއްކެވި ވާހަކައިގެ ސަބަބުންނެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ 11 މެންބަރެއްގެ ސޮއާ އެކުއެވެ. މި މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއި ކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ 9 މެންބަރުންގެ އިތުރުން އަމިއްލަ ދެ މެންބަރުންނެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކޮށް، ކުރިއަށް ގެންގޮސްފައި ވަނީ އެމައްސަލަ މަޖިލީހުގެ ސުޕާމެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްނުކުރުމަށް ނިންމާފައިވަނިކޮށެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު