މިނިސްޓާ އޮފް ހެލްތްގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސް ކުރެއްވި އަހުމަދު ނަސީމް (ކެރަފާ ނަސީމް) އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިނިސްޓަރު ނަސީމަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ 66 މެންބަރުންގެ ވޯޓާއެކުއެވެ. މި ނިންމުން ނިންމެވީ، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ހެލްތް މިނިސްޓަރުގެ މަގާމަށް މިނިސްޓަރު ނަސީމް އިސް ކުރައްވާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހު 22 ވަނަ ދުވަހެވެ. އެގޮތުން، މިނިސްޓަރު ކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް ސޯލިހް ވަނީ މިނިސްޓަރު ނަސީމަށް މަގާމުގެ ފަތްކޮޅު އަރުއްވާފައެވެ.

ހެލްތު މިނިސްޓަރުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން މިނިސްޓަރު ނަސީމް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައެވެ. އޭނާ ވަނީ، 2011 ވަނަ އަހަރު މާޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓާ އޮފް ފޮރިން އެފެއާޒްގެ މަގާމު ވެސް ފުރުއްވާފައެވެ.

އަދި އޭގެ ކުރިން މިނިސްޓަރު ނަސީމް ވަނީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމު ވެސް ފުރުއްވާފައެވެ. އޭނާ ސަރުކާރުގެ ހިދުމަތާއި ގުޅިވަޑައިގަތީ 1966 ވަނަ އަހަރުއެވެ.