ރައްޔިތުންގެ މަޖިލިސް "ބަގް" ކުރަން ނުވަތަ އަޑުއަހާ ޒާތުގެ އެއްޗެހި ހަރުކުރަން އުޅުނު މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްްމަދު ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވާ ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ 3 ކޮޓަރިއެއްގައި ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ބޭނުމުގައި "ބަގް" ކުރުމަށް އާލާތްތަކެއް ހަރުކުރަން އުޅުނު ކަމުގެ މައްސަލައެއް މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ސަމާލު ކަމަށް ގެންނަވާފައިވާ ކަމަށެވެ. އެ ތިން ކޮޓަރިއަކީ، މަޖިލީހުގެ ކޮމިޓީ ކޮޓަރިއަކާއި، މަޖިލިސް ނައިބު ރައީސް އީވާ އަބްދުﷲގެ ކޮޓަރީގައްޔާއި އަދި އެމަނިކުފާނުގެ ކޮމިޓަރީކޮޅު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މަޖިލިސް ބަގް ކުރަން އުޅުނުމައްސަލ ފެންމަތިވެފައި ވަނީ މަޖިލީހުގައި މަސައްކަތްކުރާ ސެކިއުރިޓީ ސްޓާފުންނާއި ފުލުސް އޮފީހުގައި މަސައްކަތްކުރާ ސްޓާފަކާ ވާހަކަ ދެކެވި، މަޖިލީހުގެ ސެކިޔުރިޓީ ސްޓާފަކު އެކަން ސާޖަންޓް އޮފް އާމްސްގެ ސަމާލު ކަމަށް ގެނައުމުން ކަމަށެވެ.

އަދި މި މައްސަލައަކީ މަޖިލީހުން ނުވަތަ މަޖިލީހުން ސާޖަންޓް އޮފް އާމްސް އިތުރަށް ބަލަން ޖެހޭ ކަމެއް ކަމަށާއި، އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ފުލުސް އޮފީހުގެ މިދެންނެވި ކުއްޖާ ގުޅުއްވަމުން ގެންދެވީ މި ތަނުގެ އަންހެން ސްޓާފަކާ. ދެން އެބޭފުޅާ ވެސް ވަރަށް ހަރުދަނާކަމާ އެކީގައި މި މަޖިލީހަށް އެކަން ކޮށްދެއްވީ.
ނަޝީދު

ނަޝީދު ވަނީ މަޖިލިސް ބަގް ކުރަން އުޅުނު މައްސަލަ މަޖިލީހުގެ ސަމާލު ކަމަށް ގެނެސްދިން ފުލުސް އޮފިސަރަށް ޝުކުރު އަދާ ކުރައްވާފައެވެ.

މިއީ މަޖިލީހުން އިތުރަށް ބަލަން ޖެހޭ ކަމެއް ކަމަށް ފާހަގ ކުރައްވާ ނަޝީދު ވަނީ މި މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީއަށް ފޮނުވާފައެވެ.