ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހުށަހެޅި ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެރުވުމުން އެކަން ގަބޫލު ނުކުރެއްވީތީ އެކަމުގެ އަދަބެއްގެ ގޮތުގައި ކަމަށެވެ. ޓިކެޓު ހުށަހެޅުމުން، އެކަން ގަބޫލު ނުކުރައްވާ އިމްރާން ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް މިނިސްޓަރު އިމްރާނަށް އެރުވުމަށްފަހު ޕީޕީއެމުން އެދުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަންފީޒު ކުރައްވަމުން ގެންދަވާ ޖަލު ހުކުމަށް އެއްވެސް ލުޔެއް ނުދިނުމަށް ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ، އޭނާ ފާހަގަ ކުރައްވާނީ ދެގޮތެއް ނުވެ ރައީސް ސޯލިހާ ދެކޮޅު، ހަރުކަށި ފިކުރާ އަދި ކޮރަޕްޝަނާ ވެސް ދެކޮޅު މީހަކު ކަމަށެވެ.

ޝަހީމްގެ އިތުރުން ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެއް) ވެސް ވަނީ މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރައްވާތީ ކަމަށް ވިދާޅުވެފައެވެ. ދޮންބިލެއް ވިދާޅުވީ، މިއީ އިދިކޮޅު ޕީޕީއެމް ކޯލިޝަން މެދުވެރިކޮށް ސަލަފް ޖަމްއިއްޔާއިން އަޑީގައި ތިބެގެން ކޮށްގެން އުޅޭ ކަމެއް ކަމަށެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަކީ ޑިމޮކްރެޓިކް ރަނގަޅު ޕާޓީއެއްކަން ސިފަ ކުރައްވާ، އެ ޕާޓީގެ ތެރެއަށް ހަރުކަށި ފިކުރު ވެއްދުމުގެ ބަދަލުގައި ސަލަފް ޖަމްއިއްޔާ އިން ވެސް އަމިއްލަ ޕާޓީއެއް އުފެއްދުމަށް ދޮންބިލެއް ގޮވާލެއްވިއެވެ. އޭނާ ވަނީ، ދީނީ މީހުން ދީނީ ކަންކަމުގައި އޮތުމަށާއި، ސިޔާސީ މަސައްކަތް ކުރައްވަން ބޭނުން ނަމަ، އަދާލަތު ޕާޓީ ފަދައިން ޕާޓީ އުފައްދައިން އެކަން ކުރުމަށް ދޮންބިލެތް ގޮވާލެއްވިއެވެ.

އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި، މިއަހަރުގެ ޖޫން މަހު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައާ ގުޅޭގޮތުން މިނިސްޓަރު ދެއްކެވި ވާހަކައިގެ ސަބަބުންނެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ 11 މެންބަރެއްގެ ސޮއާ އެކުއެވެ. މި މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއި ކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ 9 މެންބަރުންގެ އިތުރުން އަމިއްލަ ދެ މެންބަރުންނެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވާލު ކޮށްފައި މިވަނީ އެ މައްސަލަ މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސް ނުކުރުމަށް ނިންމާފައި ވަނިކޮށެވެ.