ސަރުކާރު ކޯލިޝަން އުވާލަން އުޅޭ ކަމަށް ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ހުންނެވި، ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ތުހުމަތު ކުރައްވައިފިއެވެ.
މިނިސްޓަރު މަލީހު މި ތުހުމަތު ކުރައްވާފައި ވަނީ އޭނާގެ އިތުބާރު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމަށް އެމްޑީޕީ ޕީޖީން ފާސް ކުރުމާ ގުޅިގެންނެވެ. މިނިސްޓަރު މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އޭނާގެ ދޫ މޯގޭޖުކޮށްފައި އޭގެ ސެޓިފިކެޓެއް އެމްޑީޕީ މެންބަރުންނަށް ހަވާލުކޮށްފައި" ނުވާނެ ކަމަށެވެ.
އަދި މަކަރުވެރި ހީލަތް ތެރި ގޮތެއްގައި ކޯލިޝަނުގެ މިނިސްޓަރުން ބޭރު ކުރުމުގެ ނުބައި ޕްލޭން ކުރިއަށް ގެންދާ ކަމަށް މަލީހު ތުހުމަތު ކުރެއްވިއެވެ. މިއީ "މުޅި އެތި ޖަހައިގަތުމުގެ ޕްލޭން" ކަމަށާއި ސުޕާ މެޖޯރިޓީ ސުޕާ މައިނޯރިޓީ އަށް ވެސް ބަދަލު ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަލީހު އިތުރަށް ވިދާޅުވީ، މިއަދު އެމްޑީޕީ ޕީޖީން ފާސްކުރީ، އެމްޑީޕީ ވެރިކަމުގައި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއަށް އިތުބާރު ނެތް ކަމަށެވެ. އަދި އެއީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ތާޖު އަޅުވައިގެން އުޅުއްވާ ބޭފުޅުން ބައިކޮޅަށް ޖެހި ގޯލެއް ކަމަށް މަލީހު ވިދާޅުވިއެވެ. އަދި މި މައްސަލަ ޕީޖީއަށް ވެއްދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމަށް ރައްދު ދެއްވަމުން މަލީހު ވިދާޅުވީ، މީކާއިލް މޮހޮރު އެ ޖައްސަވަނީ އަމިއްލަ ސަންދޯކުގައި ކަމަށެވެ.
މިނިސްޓަރު މަލީހުގެ އިތުބާރު ނެތް ކަމަށް ރައީސް ސޯލިހް އަރިހުގައި ދަންނަވަން އެމްޑީޕީ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުން ވޯޓު ދެއްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލަ ޕީޖީ ގްރޫޕަށް ހުށަހެޅީ އެމްޑީޕީގެ 10 މެންބަރުންގެ ސޮއާ އެކު މިދިޔަ ހަފްތާގައެވެ.
މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ޓެލެކޮމިއުނިކޭޝަންގެ ގާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމް ކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަންޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ 2 އަހަރުވީއިރު ވެސް މިނިސްޓަރު މަލީހް ހައްދަވާފައި ނުވާ ކަމަށެވެ.
އެ ގަރާރަށް ރައްދު ދެއްވާ މަލީހު ވިދާޅުވީ އެ ގަރާރުގައި ހިމެނެނީ ކަނޑައެޅިގެން ދޮގު މައުލޫމާތު ތަކެއް ކަމަށެވެ. އަދި މީކާއިލް ވަނީ އިތުރު 9 މެންބަރަކު "ގުއި ރޯނުގައި" ޖައްސަވާފައި ކަަމަށާއި، ލަދުން ސަލާމަތް ވުމަށް އަވަހަށް ސޮއި އަނބުރާ ގެންދެވުމަށް މަލީހު ގޮވާލެއްވިއެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުން ދާއިރު ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހު ވަނީ މަޖިލީހުގެ މެންބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ކަނޑަ ނޭޅޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު މަޖިލީސް ފެންނަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓު "ބާރުގަދަވެގެން އުޅުނު" ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. މަލީހު ވިދާޅުވާ ގޮތުގައި އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަނީ މި ވާހަކަތައް ދެއްކެވީތީ އެކަމުގެ އަދަބެއްގެ ގޮތުން ކަމަށެވެ.
ހެޔޮވިސްނުން މިހާހިސާބުން ލިބުނީމަވެސް ޝުކުރު