ނަސްރުގެ ދުވަސް ފާހަގަކުރަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ބޭއްވި ޖަލްސާއާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން މާދަމާ ފުލުހަށް ހާޒިރުވުމަށް ޝުޖާއު އަށް ޗިޓު ފޮނުވައިފިއެވެ.
ޝުޖާއުގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި އަމުރަށް ނުކިޔަމަންތެރި ވުމާއި ވާޖިބަށް ހުރަސް އެޅުމާއި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުން ފަދަ ކަންކަން ހިމެނޭ ކަމަށް ސުޖާއު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެއީ ހަގީގަތާ ހިޔާފު ތުހުމަތުތަކެއް ކަމަށާއި އެކަމަށް އިންކާރު ކުރައްވާފައި ވާ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ވެސް މި ތުހުމަތުތަކާ ގުޅިގެން ޝުޖާއު ފުލުހަށް ހާޒިރު ވުމަށް އެންގިއެވެ. ނަމަވެސް އޭރުގެ އެންގުން ކެންސަލް ކުރުމަށް ފަހު މާދަމާ 2:30 އަށް ފުލުހަށް ހާޒިރު ވުމަށް ފުލުހުން ވަނީ މިއަދު ޝުޖާއު އަށް ޗިޓު ފޮނުވާފައެވެ.
މިމަހު 3 ވަނަ ދުވަހުގެ ރޭ "ބަޑި ބުރާސްފަތި" ނަމުގައި އިދިކޮޅު ޕާޓީން ކުރިއަށް ގެންދިޔަ ހަރަކާތަކީ ނޮވެމްބަރު 3، 1988 އާ ގުޅިގެން ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ދިޔަ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ.
އެރޭ ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވުމަށް އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވި އިރު އެތަނުގައި އިޖްތިމާއީ ގައިދުރު ކަމަށް ސަމާލުކަން ދީފައި ނުވާ ކަން ފެނިގެން ދިޔައެވެ. އަދި އެ ހަރަކާތް ހުއްޓުވުމަށް އެ ސަރަހައްދަށް ގިނަ އަދަދެއްގެ ފުލުހުން ވެސް ދިޔައެވެ.