ސަލްމާން މިސްކިތުގެ އުތުރު ފަރާތުގައިވާ ޕާކިން ޒޯނުގައި ފީދަ އްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެ ޕާކިން ޒޯނުގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު މެންދުރު 1:00 ގައި ހުޅުވާލާނެ ކަމަށެވެ. އަދި މި ޒޯނުން 57 ޕާކިން ސްލޮޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު 3000 ރުފިޔާ އަށް ކަމަށް ވެސް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

އެ ކައުންސިލުން ބުނީ، މިޒޯނުން ޖާގަ ދެވޭނީ ކާރަށާއި 350 ކިލޯއަށް ވުރެ މަތިނޫން ޕިކަޕަށް ކަމަށެވެ. މި ޒޯނުތަކަށް އެދެން ޖެހެނީ ކައުންސިލްގެ ވެބްސައިޓުގައި މިކަމަށް ހާއްސަކޮށް ގާއިމް ކޮށްފައިވާ "ޕާކިން" ޕޯޓަލް މެދުވެރިކޮށް ކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

ހަމައެއާއެކު އެ ޕޯޓަލުން ޕާކިން ޒޯނުގެ ޖާގައަށް އެދޭ ފަރާތްތައް ފުރަންޖެހޭ މައުލޫމާތާއި ހުށަހަޅަންޖެހޭ ލިޔުންތައް އަދި އަމަލު ކުރަން ޖޭހޭ ގޮތް މިޕޯޓަލްގައިވާ ޕާކިން އުސޫލުން އެނގެން އޮންނާނެއެވެ. އަދި މައުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް ޖާގަ ހުސް ވަންދެން ޖާގަ ކަށަވަރު ވަމުންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. އެ ކައުންސިލުން ބުނީ، ޕާކިން އުސޫލާއި ހިލާފަށް ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލް ވާނެއެވެ.

މިއަދުން ފެށިގެން މާލެ ސިޓީ ކައުންސިލުން ދޫކުރަން ހަމަޖެހިފައިވާ ޕާކިން ޒޯންގެ ޖާގަތަކާއި ހުސްވަމުންދާ ޖާގަތައް ކައުންސިލްގެ ވެބަސްއިޓްގައިވާ ޕޯޓަލުން ފެންނަން ހުންނާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ. އެ ކައުންސިލުން ބުނީ ޖާގަތައް ޕޯޓަލަށް އަޕްލޯޑު ވަމުންދާ ވަރަކަށް، ޖާގަތައް ހޯދަން ބޭނުންވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ޖާގަތަކަށް ހުށަހެޅޭނެ ކަމަށެވެ.