އަދާލަތު ޕާޓީން، އެ ޕާޓީގެ ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިހާބު ބާއްވަން ހުޅުވާލައިފިއެވެ.
އެ ޕާޓީން ބުނީ، މި އިންތިހާބުތައް ބާއްވާނެ ތަންތަން ކަނޑައެޅިގެން ދާނީ އެ ތަނެއްގައި ޕާޓީގެ މެންބަރުން ތިބި ނިސްބަތަކުން ކަމަށްވާތީ، އިންތިހާބު ބާއްވާނެ ތަނެއް މިމަހު 25 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން އިއުލާނު ކުރާނެ ކަމަށެވެ. އެގޮތުން އަދާލަތު ޕާޓީން އިންތިހާބު ބާއްވަން ނިންމާފައި ވަނީ ޖުމްލަ 23 ދާއިރާ އަކަށް ރައީސުން ހޮވުމަށާއި، 83 ދާއިރާއަކުން ގޮފިތައް ހޮވުމަށެވެ.
އިިންތިހާބަށް ހުޅުވާލާފައިވާ ދާއިރާތަކާއި ގޮފިތަކުގެ އިތުރު މައުލޫމާތު އަދާލަތު ޕާޓީގެ ވެބްސައިޓުން ލިބޭނެއެވެ.
އަދާލަތު ޕާޓީން ބުނީ، މި އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ތާރީހަކީ އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަސް ކަމަށެވެ. އެހެންކަމުން މި އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިމަހު 25 ވަނަ ދުވަހުގެ ނިޔަލަށް ދިގު ދަންމާލާފައިވާ ކަމަށް ވެސް އޭޕީން ބުނެއެވެ.
ދާއިރާތަކުގެ ތެރެއިން ދާއިރާ ރައީސް ހޮވުމަށް ހަމަޖެހިފައި ވާއިރު، ގޮފިތަކުގެ ހިންގާ ކޮމިޓީގެ 8 މަގާމަކަށް މީހުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ގޮފީގެ ރައީށް، ނައިބު ރައީށް، ސެކްރެޓަރީ، ސެކްރެޓަރީގެ ނައިބު، 2 މީޑިއާ ކޯޑިނޭޓަރުން، ޔުނިޓުތަކުގެ މަންދޫބުން، އަންހެނުންގެ ކޮމިޓީގެ ރައީސާ އަދި ޒުވާނުންގެ ކޮމިޓީގެ ރައީސެވެ.
ހަމައެއާއެކު ދާއިރާގެ ރައީސްގެ އަދި ގޮފިތަކުގެ މަގާމުތަކަށް މަގާމަށް ކުރިމަތިލާ މީހަކީ، އަދާލަތު ޕާޓީގެ މެންބަރެއް ކަމުގައި ވާން ޖެހޭނެއެވެ. އަދި ދާއިރާ ރައީސަކަށް ކުރިމަތިލާ މީހަކީ ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ނަމަ، އޭނާގެ ހުކުމް ތަންފީޒު ކޮށް ނިމުނުތާ 1 އަހަރު ވެފައި ވާން ޖެހޭނެއެވެ.
މީގެ އިތުރުން އަދާލަތު ޕާޓީން ބުނީ، އިންތިހާބަށް ހުޅުވާލި މަގާމުތަކުގެ ތެރެއިން އެއް މަގާމު ފިޔަވައި އިތުރު މަގާމާކަށް އެއްފަހަރާ އެއް ކެނޑިޑޭޓަކަށް ކުރިމަތި ނުލެވޭނެ ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދާއި، އަދާލަތު ޕާޓީގެ ދާއިރާ ރައީސުންގެ އިންތިހާބާއި ބެހޭ ގަވާއިދާއި އަދާލަތު ޕާޓީގެ ގޮފިތައް އިންތިހާބު ކުރުމާއި ބެހޭ ގަވާއިދު ޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި އިންތިހާބުތަކާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު: 3342671 އަށް ގުޅުމަށް އެ ޕާޓީން އެދެއެވެ.