ކުޑަކުދިންގެ އަދުލުގެ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށުމާއެކު ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަކީ 15 އަހަރު ކަމުގައި ބަދަލު ވެއްޖެއެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވީ، ކުޑަކުދިންގެ އަދުލުގެ ގާނޫނަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާފައި ވާ ކަމަށެވެ. 2019 ގައި ފާސްކުރެވުނު މި ގާނޫނުން ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަކީ 15 އަހަރު ކަމުގައި ވަނީ ކަނޑައަޅާފައެވެ.

މި ގާނޫނުން ތައާރަފު ކުރާ ޑައިވާޝަން މެކޭނިޒަމަކީ ކުޑަކުދިން ކުށްކުރުމުން ރައްކާތެރި ކޮށްދީ ރިހެބިލިޓޭޓް ކޮށް މުޖުތަމައުއަށް އަނބުރާ އައުމަށް މަގުފަހި ކޮށްދޭނެ ފިޔަވަޅުތަކެއް ކަމަށް ރިއްފަތު ވިދާޅުވިއެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ކުޑަކުދިން ކުށްކުރާ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަން ޖެހޭނީ ކުޑަކުދިންނާ ރަހުމަތްތެރި މާހައުލެއްގައި ކުށްކުރާ ކުޑަކުއްޖާއަށް ލިބިދޭން ޖެހޭ ކަމަށް ގާނޫނުގައި ބަޔާންކުރާ އެންމެހާ ހައްގުތަކާއި ރައްކާތެރިކަން ލިބިދީގެން ކަމަށް ވެސް ރިއްފަތު ވިދާޅުވިއެވެ.

ކުށްކުރާ ކުޑަކުދިންނާ މެދު ދައުލަތުގެ އިދާރާތަކުން ފިޔަވަޅު އެޅުމުގައި އެ ކުދިންގެ މަސްލަހަތު ރައްކާތެރި ކުރުމަށް އިސްކަން ދިނުމާއި ދައުވާ އުފުލުމުގެ ބަދަލުގައި އެހެން ފިޔަވަޅުތަކަށް އިސްކަން ދިނުމާއި ކުއްޖާ ކުރިކަމަށް ބުނާ ކުށުގެ ނުރައްކާތެރި ކަމާއި ކުއްޖާއަށް ލިބިދޭން ޖެހޭ ތައުލީމީ އިޖުތިމާއީ އަދި އެހެނިހެން ވަސީލަތްތަކަށް ރިއާޔަތް ކުރަން ވާނެ ކަމަށް ގާނޫނުގައި ބަޔާން ކުރާ ކަމަށް ވެސް ރިއްފަތު ފާހަގަ ކުރެއްވިއެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާއިރު، މިއަދަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ ކުޑަކުދިންގެ ދުވަހެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު ނޮވެންބަރު 20، 2019 ގައި ތަސްދީގު ކޮށްފައި ވާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް މިއަހަރުގެ ފެބުރުވަރީ 20 އިން ފެށިގެން ދަނީ އަމަލު ކުރެވެމުންނެވެ.