މި ނޮވެމްބަރު މަހުގެ މިހާތަނަށް 18723 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވާލިފަހުން 59105 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެ އައި 382760 ފަތުރުވެރިންނާއި، އޭޕްރީލް މަހުން ޖުލައި މަހު 14 އާ ހަމައަށް ބޯޑަރު ބަންދުކޮށްފައި އޮތް މުއްދަތުގައ ިއައި 87 ފަތުރުވެރިންނާއެކު މިއަހަރު އެކު ޖުމްލަ 441952 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެއީ އެވްރެޖްކޮށް ބަލާނަމަ، ދުވާލަކަށް 1991 ފަތުރުވެރިންނެވެ.

ޖުލައި 15ގައި ބޯޑަރު ހުޅުވުމާއެކު އެންމެ ގިނައިން ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ ރަޝިއާ ފަތުރުވެރިންނެވެ. އެގޮތުން ރަޝިއާގެ 12951 މީހުން ރާއްޖެ ޒިޔާރަތްކޮށްފައި ވާއިރު، އިންޑިއާގެ 5449 މީހުންނާއު އިނގިރޭސިވިލާތުގެ 4745 މީހުންނާއި އަދި ޔޫއެސްއޭގެ 4396 މީހުން އަދި ޔޫއޭއީގެ 4051 މީހުން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ހަމައެއާއެކު ޖަރުމަނުގެ 3104 މީހުންނާއި ފްރާންސުގެ 1905 މީހުން ވެސް ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

ބޯޑަރު ހުޅުވާލިފަހުން 16 އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރަމުންދާއިރު 9 އެއާލައިނަކުން އަންނަ މަހުގެ ނިޔަލަށް ދަތުރުތައް ފަށާނެއެވެ. އެގޮތުން އަންނަ މަހުގެ ނިޔަލަށް ދަތުރުތައް ފަށާން ހަމަޖެހިފައި ވަނީ ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިންސް، ނޯޑްވިންޑް، އަޒުރް އެއާ ރަޝިއާ، އަލްޓާލިއާ، އެއާ ފްރާންސް، ނެއޮސް ސްޕާގެ އިތުރުން ގުލްފް އެއާ އަދި ރޮޝިއާ އެއާލައިން އަދި އެއާ ސޭޝޭލްސުންނެވެ.

ކޮވިޑް-19ގެ ހާލަތަށް ބަލާލާއިރު، ބޯޑަރު ހުޅުވިފަހުން ރާއްޖެ ޒިޔާރަތްކުރި 59105 ފަތުރުވެރިންގެ ތެރެއިން 147 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 106 މީހަކު ބަލިން ރަނގަޅުވިއިރު، 41 މީހުން އަދިވެސް ތިބީ ބަލިކޮށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އެފުށްމިފުށަށް ޖެހިގެން ދިޔުމަށްފަހުން އަލުން އަނބުރާ ކޮޅަށް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، މިހާތަނަށް 125 ރިސޯޓާއި 189 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 122 ސަފާރީ އޮޕަރޭޓް ކުރަމުން އެބަދެއެވެ. އެއީ 33776 އެނދެވެ. މީގެ އިތުރަށް އަންނަ ޑިސެމްބަރުމަހުގެ ނިޔަލަށް އިތުރު 914 އޮޕަރޭޓް ކުރަން ފަށަން ނިންމާފައި ވާއިރު އެއީ 5 ރިސޯޓެވެ.

މިހާރު އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގަިއ ބޭނުން ކުރަމުން ދަނީ ފަން އައިލެންޑް ރިސޯޓް، ވެލިދޫ އައިސޮލޭޝަން ފެސިލިޓީގެ އިތުރުން ސެންޓްރަލް އައިސޮލޭޝަން ފެސިލިޓީއެވެ.