ރިސޯޓްތަކުގައި ކޮވިޑް ޖެހިފައި ތިބި އެކްޓިވް ކޭސް 156 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރިސޯޓުތަކުން ފެންނަމުންދާ ކޮވިޑް ކޭސްތަކުގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 156 އަށް ވަނީ އަރާފައެވެ. އެގޮތުން ރިސޯޓު ތަކުގައި ޕޮޒިޓިވް ކޭސްގެ ގޮތުގައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ 46 ފަތުރުވެރިންނާއި 110 މުވައްޒަފުންނެވެ.
އިއްޔެގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރިސޯޓުތަކުގައި ތިބީ 138 އެކްޓިވް ކޭސްއެވެ. އެއީ 48 ފަތުރުވެރިންނާއި 90 މުވައްޒަފުންނެވެ.
މިރޭ ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރަށްރަށުން މިހާރު ކޮވިޑް އެކްޓިވް ކޭސްގެ ގޮތުގައި ތިބީ އިއްޔެވެސް ތިބި އަދަދަށް 15 މީހުންނެވެ. އެއީ 3 ދިވެހިންނާއި 12 ބިދޭސީންނެވެ.
މިހާރު ރާއްޖޭގައި މި ބަލި ޖެހިފައި ތިބި ޖުމްލަ އެކްޓިވް ކޭސްގެ އަދަދަކީ 925 އެވެ. އޭގޭ ތެރެއިން ރިސޯޓްތަކުގައި 156 ކޭސް އަދި ރަށްރަށުގައި 15 ކޭސް ހިމެނޭއިރު މާލެ ސަރަހައްދުގައި ހިމެނެނީ 754 އެވެ. އެއީ މާލެ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށެވެ.
މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،452 އަށް އަރާފައެވެ.އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،475 އަށް އަރާފައެވެ.