ޖަޕާން ސަރުކާރުގެ އެހީތެރިކަމާއެކު ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯސީ)ގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސާވިސްގެ މުވާސަލާތީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކޮށްފިއެވެ.
އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ. ޖަޕާން ސަރުކާރުގެ އެހީތެރިކަމާއެކު ހަދިޔާކުރި އެ ތަކެތި ޔޫއެންއޯޑީސީގެ ފަރާތުން ފުލުހުންނާ ހަވާލުކޮށްދެއްވީ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމްގެ ޕްރޮޖެކްޓް ސަޕޯޓު އޮފިސާ ޖޯޝުއާ އާޓެޓާ ގޮންޒަލޭޒްއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވަނީ ޔޫއެންއޯޑީސީއާއި ޖަޕާން ސަރުކާރުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފުލުހުންގެ މުވާސަލާތީ ނިޒާމް ޒަމާނީ ފެންވަރަކަށް ބަދަލުވެގެން ގޮސްފައިވަނީ 2004 ވަނަ އަހަރުގައި ކަން ފާހަގަކުރެއްވިއެވެ. އަދި ބޭރުގެ ހިލޭއެހީގެ ދަށުން އޭރު ރާއްޖޭގެ ނުވަ ސަރަހައްދެއްގައި މުވާސަލާތީ ނިޒާމް ގާއިމުކޮށްފައިވާ ކަމަށާ އަދި ޒަމާނީ ބަދަލުުތަކާއެކު މި ނިޒާމް މިހާރު ރާއްޖޭގެ 16 ސަރަހައްދަކަށް ފުޅާވެގެންގޮސްފައިވާ ކަމުގައި ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން ގެންދަވާކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ފްރަންޓްލައިން ޓެކްނޮލޮޖީއެއް ގާއިމްކުރުމާއި ވާޗުއަލް ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ އިތުރުން އޮންލައިންކޮށް ފޯރުކޮށްދެމުންދާ ހިދުމަތްތައްކުރުމާއި ޑިޖިޓަލް ޓްރާންސްފޮމޭޝަން ކަސްޓަމް ސޮފްޓްވެއާއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމުގައި ފާހަގަކުރެއްވިއެވެ.
އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ޕޮލިސް އަބްދުލް މަންނާން ޔޫސުފްއާއި ފުލުހުންގެ އިސް ބައެއް އޮފިސަރުންގެ އިތުރުން ޔޫއެންއޯޑީސީގެ ޕްރޮޖެކްޓް ސަޕޯޓު އޮފިސާ ޖޯޝުއާ އާޓެޓާ ގޮންޒަލޭޒްއާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެއިކޯ ޔަނާއީއާއި ޖަޕާން އެމްބަސީގެ ހެޑް އޮފް އިކޮނޮމިކް ކޯޕަރޭޝަން ނައުކޯ ޔުޒާވާ ބައިވެރިވެލެއްވިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ މުވާސަލާތީ ނިޒާމް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ޔޫއެންއޯޑީސީގެ ފަރާތުން 2017 ވަނަ އަހަރުން ފެށިގެން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.