މާލެއިން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ރ.ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު ރަހީނުކޮށް ބަޔަކު ފައިސާތަކެއް އަތުލި މައްސަލާގައި ކުޑަކުއްޖަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 18 އަހަރު ނުފުރޭ ކުއްޖަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި މިމަހު 3 ވަނަ ދުވަހު ވަނީ 31 އަހަރުގެ މީހަކު ވެސް ހައްޔަރު ކޮށްފައެވެ.

އޭނާއަށް ކޯޓުން ޖަހާފައިވާ 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން އިއްޔެ ދެވަނަ ފަހަރަށް އިތުރު ކޮށްފައި ވާ ކަމަށް ފުލުހުމް މައުލޫމާތު ދެއެވެ. ފުލުހުން ބުނީ، އޭނާގެ ބަންދަށް ދީފައި ވަނީ އިތުރު 15 ދުވަސް ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ޝިރުމީނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ހަމަ އެދުވަހުގެ ރޭ 22:45 ގައެވެ. އަދިިި ފުލުހުންނަށް މިކަން ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރި އިރު، ފޮޓޯ އާންމުކޮށް، އާންމުންގެ އެހީތެރި ކަމަށް އެދުނީ އެ ރޭގެ ވަގުތެއްގައެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ހެނދުނު 8:45 ހާއިރު ޝިރުމީނާ ވަނީ އަމިއްލައަށް އޭނާގެ ގެއަށް ގޮސްފައެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާލާއިރު، ގެއްލިގެން ހޯދަމުން ދަނިކޮށް ގެއަށް އައި މީހާ، ބަޔަކު ވެގެން ރަހީނުކޮށް އޭނާއާ މެދު އަނިޔާވެރި އަމަލުތަކެއް ހިންގާ ބްލެކްމެއިލް ކޮށް ފައިސާ އަތުލާފައިވާ ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ. އެ މައްސަލާގައި ވިކްޓިމް ޑޮކްޓަރަށް ދައްކާ ފަރުވާ ދިނުމުގެ ކަންކަން ކޮށްފައި ވާ ކަމަށް ވެސް ފުލުހުން އޭރު ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިރުމީނާ ރަހީނު ކުރި ބަޔަކު އޭނާ ދޫކޮށްލީ އެ މީހުންނަށް 25،000 ރުފިޔާ ދިނުމުނެވެ.