މިއަހަރުގެ ރެހެންދި އެވޯޑަށް 2 ދާއިރާއަކުން 7 މީހަކު ހޮވައިފިއެވެ.
ރެހެންދި އެވޯޑާށް މީހުން ހޮވަނީ އެކަމަށްޓަކައި، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން އެކުލަވާލާ ރެހެންދި އެވޯޑް ކޮމިޓީންނެވެ. ކޮންމެ އަހަރަކު ވެސް ރެހެންދި އެވޯޑު ހަވާލުކުރަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ޖަލްސާގައެވެ.
ނަމަވެސް، ކޮވިޑް–19އާ ގުޅިގެން ދިމާވެފައިވާ ހާލަތުގެ ސަބަބުން މި އަހަރުގެ އެވޯޑް ދިނުމުގެ ހަފްލާ ވަނީ ފަސްކޮށްފައެވެ.
ރެހެންދި އެވޯޑަށް ހޮވި މީހުން
- ފާތިމަތު އިބްރާހިމް، ކާނިމާގެ/ޅ.ހިންނަވަރު - އިޖުތިމާއީ ދާއިރާ
- އަލްއުސްތާޛާ މަރްޔަމް ޝުނާނާ، ހ.ވެލަސްފަރުގެ - އިޖުތިމާއީ ދާއިރާ
- ހައްވާ ލަތީފް، ހުޅުމާލެ ފްލެޓް 10-3-01 - އަދާކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
- އާމިނަތު އަމީނާ، ހަނދުވަރީގެ/ލ.ކުނަހަންދޫ - އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
- ޝިފްޒާ މުސްތަފާ، އާސާނު/ޏ.ފުވައްމުލައް - އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
- އާއިޝަތު ހުސައިން މަނިކު، ހ.ރީނދޫކޮކާގެ- އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
- މިންހާ ފާއިޒު ރަޝާދު، ހުޅުމާލެ ފްލެޓް 99-1-02 - އަދާ ކުރާ ވަޒީފާގެ ގޮތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާ
ރެހެންދި އެވޯޑް ދެނީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ. އަދި ގައުމީ ފެންވަރެއްގައި ވަޒަން ކުރުމުގެ ގޮތުންނާއި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމްއިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށާއި، ރާއްޖޭގެ ގައުމީ ތަރައްގީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް މި އެވޯޑް ދެނީ ޖެންޑާ މިނިސްޓްރީންނެވެ.
މި އެވޯޑް ދިނުމުގެ މަގްސަދަކީ ރާއްޖޭގެ ތަރައްގީއާއި، ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުމާއި، އެ ފަރާތްތަކުން ކުރާ އަގުހުރި މަސައްކަތްތަކާއި، އަންހެނުން ހާސިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަން ކުރުން އަދި ގައުމީ ހިދުމަތުގައި އަދި އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމެވެ. އާ ދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުމާއި، މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތް ކުރާ ވަކި ފަރުދުންނާއި އަދި މުއައްސަސާތަކުގެ މަސައްކަތްތައް ބަލައިގަނެ އަގުވަޒަން ކުރުން ވެސް މި އެވޯޑު ދިނުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.