ރާއްޖޭން އެހީއަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޒޯންގް ވިދާޅުވެއްޖެ

ޗައިނާ ސަފީރު މިހެން ވިދާޅުވީ، ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ބައެއް ލޯނުތައް އަންނަ އަހަރު މެދުތެރޭ ދެއްކޭ ގޮތަށް ފަސްކޮށްދީފައިވާ ކަން ފާހަގަ ކުރައްވަމުންނެވެ. އަދި އެކަން ރައީސް އޮފީހުންވެސް އިއްޔެ ވަނީ ކަށަވަރު ކޮށްދީފައެވެ.

ޗައިނާ ސަފީރު ވިދާޅުވީ، ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އިއްޔެ ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި ޗައިނާގެ ލޯނުތައް ދެއްކުމުގައި ދީފައިވާ ލުއިތައް މިނިސްޓަރު ދެންންނެވި ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ހަގީގީ ރަހުމަތްތެރިންނަކީ ބޭނުން ޖެހިފައިވާ ވަގުތު، އެހީވާ މީހުން ކަމަށާއި ރާއްޖެ އާއި ޗައިނާއާ ދެެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް، އެގައުމުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާ ސަފީރާ އެކު ބައްދަލު ކުރެއްވުމަށް ފަހު މިނިސްޓަރު ޝާހިދު ވިދާޅުވީ، ކޮވިޑް ބަލިމަޑުކަން ފެތުރުމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި އިގްތިސޯދީ ހީނަރުކަމާ ގުޅިގެން ޗައިނާއަށް ދައްކަންޖެހޭ ލޯންތައް ފަސްކޮށް ދިނުމަކީ އެ ގައުމުން ވީ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. އަދި އެކަމަށް ޝުކުރު އަދާ ކުރައްވަމުން ޝީހިދުވެސް ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމުގެ އިތުބާރާއި ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅު ވެފައެވެ.

ޗައިނާއިން ފަސްކޮށްދީފައި ވަނީ ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ރާއްޖެއަށް ދޫކޮށްފައިވާ ލޯންތަކަށެވެ.

ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް އަކީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފަގީރު ގައުމުތަކުން ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރު ކޮށްދިނުމުގެ ގޮތުން ވޯލްޑް ބޭންކުން ނަގާފައިވާ އިނީޝިއޭޓިވް އެކެވެ. ޗައިނާގެ އިތުރުން ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުން ނަގާފައިވާ ލޯނުތައް ވެސް އޭގައި ހިމެނެއެވެ. އެހެންކަމުން ޗައިނާއިން ދޫކޮށްފައިވާ ބައެއް ލޯނުތައް ދެން ދައްކަން ޖެހޭނީ އަންނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ފަހުންނެވެ.

މި ލުޔާ އެކު އަންނަ އަހަރު ދައްކަން ޖެހޭ ދަރަނިން 809.1 މިލިއަން ރުފިޔާ ކުޑަ ކުރެވޭނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް އަންނަ އަހަރުގެ މެދާ ހަމައަށް ދެއްކޭ ގޮތަށް ފަސްކޮށްދީފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޗައިނާއިން ލޯނުތަކަށް ލުއި ނުދޭ ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ އަންނަ އަހަރު ސަރުކާރުގެ އާމްދަނީގެ 53 ޕަސެންޓް ދާނީ ދަރަނި އަނބުރާ ދެއްކުމަށް ކަމަށާއި، އޭގެ ތެރެއިން 80 ޕަސެންޓަށް ވުރެ ބޮޑު ބައި ދާނީ ޗައިނާ ދަރަނި ދައްކަން ކަމަށެވެ. އެގޮތުން މާމަގެ ފައްޓަރު ބައި ވިއްކައިގެން ވެސް އެ ދަރަނި ދެއްކުމުގެ ގާބިލްކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް ވާއިރު، ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިންނެވެ.

މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ 70.3 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. އަދި އަންނަ އަހަރު ނިމޭއިރު މި އަދަދު 82.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކޮށްފައި ވާއިރު މީގެ ތެރެއިން ބޭރުގެ ދަރަނި ހުންނާނީ 37.5 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސުން ވަނީ ލަފާކޮށްފައެވެ.