އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމަށް މަޝްވަރާކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި މަހުގެ ބާވަތްތަކުން ޓެރިފް އުވާލުމަށް މަޝްވަރާކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިނގިރޭސި ހާރިޖީ އޮފީހުގެ މިނިސްޓާ ފޯ ސައުތު އޭޝިއާ އެންޑް ކޮމަންވެލްތު، ލޯޑް ތާރިގް އަހުމަދު އޮފް ވިމްބެލްޑަން އާ މިއަދު ވާޗުއަލްކޮށް ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން މޫސުމީ ބަދަލުތަކުގެ މައްސަލަތަކާއި ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އިނގިރޭސިވިލާތާ ގުޅިގެން ކުރާ މަސައްކަތަށް ލޯޑް އަހުމަދު ޝުކުރު އަދާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ކުރިއަށް އޮތް ކްލައިމެޓް އެމްބިޝަން ސަމިޓާއި ކޮޕް26 ގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުން ދެ ވަޒީރުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ހަމައެއާއެކު އެ ބައްދަލުވުމުގައި އަންނަ އަހަރު ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމާ ބެހޭ ގޮތުން ލޯޑް އަހުމަދާއި މިނިސްޓަރު ޝާހިދު މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުންވެސް ދެ ގައުމުގެ މެދުގައި ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންނާއި، ދެގައުމަށް މުހިއްމު އެހެނިހެން ބައެއް ދާއިރާތަކުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.