ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ބައެއް ލޯނުތައް އަންނަ އަހަރު މެދުތެރޭ ދެއްކޭގޮތަށް ފަސްކޮށްދީފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިިމް ހޫދު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ދޫކޮށްފައިވާ ބައެއް ލޯނުތައް ދެއްކުން ފަސް ކޮށްދީފައިވާ ކަމަށެވެ. ފަސްކޮށްދީފައި ވަނީ ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ޗައިނާ ސަރުކާރުން ދޫކޮށްފައިވާ ލޯންތަކަށް ކަމަށް ހޫދު ވިދާޅުވިއެވެ.
ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް އަކީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފަގީރު ގައުމުތަކުން ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރު ކޮށްދިނުމުގެ ގޮތުން ވޯލްޑް ބޭންކުން ނަގާފައިވާ އިނީޝިއޭޓިވް އެކެވެ. ޗައިނާގެ އިތުރުން ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުން ނަގާފައިވާ ލޯނުތައް ވެސް އޭގައި ހިމެނެއެވެ.
އެހެންކަމުން ޗައިނާއިން ދޫކޮށްފައިވާ ބައެއް ލޯނުތައް ދެން ދައްކަން ޖެހޭނީ އަންނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ފަހުންނެވެ.
ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް އަންނަ އަހަރުގެ މެދާ ހަމައަށް ދެއްކޭ ގޮތަށް ފަސްކޮށްދީފައިވާ ކަމަށް ރައީށް އޮފީހުން ބުނާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޗައިނާއިން ލޯނުތަކަށް ލުއި ނުދޭ ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އަންނަ އަހަރު ސަރުކާރުގެ އާމްދަނީގެ 53 ޕަސެންޓް ދާނީ ދަރަނި އަނބުރާ ދެއްކުމަށް ކަމަށާއި، އޭގެ ތެރެއިން 80 ޕަސެންޓަށް ވުރެ ބޮޑު ބައި ދާނީ ޗައިނާ ދަރަނި ދައްކަން ކަމަށެވެ. ނަމަވެސް މާމަގެ ފައްޓަރުބައި ވިއްކައިގެން ވެސް އެ ދަރަނި ދެއްކުމުގެ ގާބިލްކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް ވާއިރު، ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިންނެވެ.
މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ 70.3 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. އަދި އަންނަ އަހަރު ނިމޭއިރު މި އަދަދު 82.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކޮށްފައިވާއިރު މީގެ ތެރެއިން ބޭރުގެ ދަރަނި ހުންނާނީ 37.5 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސުން ވަނީ ލަފާކޮށްފައެވެ.
އެއުޅޭ މަޖިލިސް ދައްކާވާހަކައާއި ސޯލިހު ދައްކާވާހަކަ ދިމާނުވޭ