ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެންބަރު ޝަހީބު އިބްރާހިމް އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ، ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ގއ. ވިލިނގިލި، ލައިޓްހައުސް ޝަހީބް އިބްރާހިމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކޮށް މިއަދު މެންދުރު ފަހު 3:00 އިން ފެށިގެން ޖަލުގައި ބަންދު ކުރުމަށް ހައިކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ޖަލުގައި ބަންދު ކުރުމަށް ހައިކޯޓުން އަމުރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޝަރީއަތް ނިމެންދެން ކަމަށް ފުލުހުން ބުނެއެވެ.
ޝަހީބް އިބްރާހިމް ހައްޔަރު ކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިން ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާ ވަނީ ދޫކޮށްލާފައެވެ. ކްރިމިނަލް ކޯޓުން ކުރި އަމުރު ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތް ނޫންކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
އެ މައްސަލައިގައި ޝަހީބު ހިމެނޭގޮތަށް ހަތް މީހަކު ފުލުހުން ހައްޔަރުކުރިއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާ 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ. އެ ތަކެތި ރާއްޖެ އެތެރެކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރަނީ ޝަހީބް އިބްރާހިމް އާއި ވައިލެޓްވިލާ/ ހއ. ހޯރަފުށި، އަހްމަދު މޫސާ އަށެވެ.
ޝަހީބަކީ ކުރީ ސަރުކާރުގައި ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި މީހެކެވެ. އަދި މީހާރު އޭނާ ވަނީ ޕީއެންސީގެ ކައުންސިލް މެންބަރު ކަމުން ސަސްޕެންޑު ކޮށްފައެވެ.