ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "ގެންގުޅުއްވާ ދެ އަނގައިން" ވާހަކަ ނުދައްކަވާ ނަމަ ޗައިނާ ލޯނުތައް އޮންނާނީ މިހާރު ވެސް ފަސްކޮށް ދީފައި ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސަރުކާރުގެ އިހުމާލުން ވިއަސް، ދިވެހި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ކޮންމެ ހިނދެއްގައި، ޕީޕީއެމުން މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އެގޮތުން އެކި ފަރާތްތަކާ މަޝްވަރާކޮށް، ގާއިމުވެފައިވާ އިތުބާރުގެ ގުޅުންތަކުގެ ތެރެއިން މައްސަލަތައް ހައްލު ކުރަމުން ގެންދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ. އެ ބަޔާނުގައި ބުނީ ޗައިނާގެ ލޯނުތަކުގެ ވާހަކަވެސް އެފަރާތުގައި ދަންނަވައިގެން ފަސްކުރަން ޖެހޭނަމަ، އެކަން ޕީޕީއެމަށް ފަސޭހަކަމާއެކު ކުރެވޭނެ ކަމަށެވެ.

އަދި، ސަރުކާރަށް އެކަން ނުވެގެން އުޅޭނަމަ ނުވަތަ އެފަދަ މަޝްވަރާއެއް ކުރުމަށް ފަހަތު ފަޔަށް ބުރަވަމުންދާނަމަ، އޭގެ ސަބަބުވެސް ސާފު ކަމަށް ޕީޕީއެމުން ބުނެއެވެ. މިހެން ވިދާޅުވެި ޕީޕީއެމުން ބުނީ ރައީސް ސޯލިހް ގެންގުޅުއްވާ ދެ އަނގައިން ވާހަކަ ދެއްކުމުގެ ސިޔާސަތު ބަދަލުކުރަން ޖެހޭ ކަމަށެވެ.

އެއްކޮޅުން، ފޮރިން މިނިސްޓަރު ޝާހިދު ލައްވާ ޗައިނާއަށް ސަނާ ކިޔާއިރު، އަނެއްކޮޅުން ރައީސް ނަޝީދު ލައްވާ ޗައިނާއަށް ބެވުމުގެ ސިޔާސަތު ހުއްޓާލަން ޖެހޭ
ޕީޕީއެމް

ޕީޕީއެމުން ބުނީ ޗައިނާއަކީ ދިވެހި ރައްޔިތުންނަށް މީގެ ކުރިން ވެސް ބޮޑެތި އެހީތަކެއް، ބަދަލުގައި އަސްކަރީ އަދި އިސްތިގްލާލަށް ބުރޫ އަރާފާނެފަދަ އެއްވެސް ހުށަހެޅުމަކާނުލާ އަދި އިތުރު ކަމެއް މަތިނުކޮށް، ދީފައިވާ ގައުމެއް ކަމަށެވެ. އަދި، ލުއި ގޮތްތައްވެސް ހަދާދީފައިވާ ގައުމެއް ކަމަށާއި އެގޮތަށް މިވަގުތު ވެސް އަމަލުކުރާނެކަން ކަށަވަރު ކަމަށެވެ. މިދަނޑިވަޅުގައި، ކުރިމަތިގައި އޮތް ބޮޑު އިގްތިސޯދީ އަނދަވަޅާއި އޭގެ ހައްލާ ދެމެދު ހުރަހެއްވާ ނަމަ، އެއީ ނަޝީދުގެ ވިހަ ދުލާއި، ވިޔާނުދާ އަނގަ އަދި ހިމާރުގެ އަޑު ކަމަށް ޕީޕީއެމުން ބުނެވެ.

ކޮންމެއަކަސް، މިކަން މިސަރުކާރަށް ނުވެގެން އުޅޭނަމަ، ޕީޕީއެމް އިން އެކަން ފިސާރެ ފަސޭހައިން ކޮށްލަދޭނެ ކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމުން ބުނީ އެ ޕާޓީގެ ސަރުކާރުގައި، ދިވެހި ތާރީހުގައި ވެސް ނުފެންނަފަދަ ގިނަގުނަ މުހިންމު ތަރައްގީގެ މަސައްކަތްތަކެއް ކާމިޔާބުކަމާއެކު ގައުމުގައި ކުރެވުނު އިރު، ނެގުނު ހުރިހާ ލޯނެއް، ކުޑަވެސް ދައްޗެއްނެތި ދައްކާ ހަލާސްކުރާނެ ހަކަތަ ވެސް ވާނީ ގާއިމުކޮށްފައި ކަމަށެވެ. އެގޮތުން ރައީސް ޔާމީން އުފައްދަވާދެއްވި ސޮވަރިން ފަންޑުގައި، ނޮވެމްބަރު 2018ގައި 900 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައި ހުންނާނެ ކަމަށް ޕީޕީއެމުން ބުނެއެވެ.

އަދި އިތުރަށް ދައުލަތަށް ލިބޭ އެއްވެސް އާމްދަނީއެއްގައި ނުޖެހި، މިއަދު ޗައިނާއަށް ދައްކަންޖެހޭ ހުރިހާ ލޯނެއް ހަލާސްކުރަން އެ ފަންޑު އެކަނިވެސް ފުދޭނެ ކަމަށް ޕީޕީއެމުން ބުނެއެވެ. އަދި، މިއަދު ޕީޕީއެމްގެ ވެރިކަން އޮތް ނަމަ، އޭގައި އެ ފަންޑުގައި އޭގެ ދެގުނައަށް ފައިސާ ރައްކާކުރެވިފައި ހުންނާނެކަމަށް އެ ޕާޓީން ބުނެއެވެ.

މީގެ އިތުރުން ޕީޕީއެމްގެ ބަޔާނުގައި ބުނީ ކޮވިޑް ކާރިސާ ފެށުނީއްސުރެ ސަރުކާރުން ހަދަމުންދާ އިގްތިސޯދީ ބޮޑެތި ގޯސްތަކުގެ ސަބަބުން، އެއްވެސް ލޯނެއް ނުދެއްކޭނެކަމަށް ވާނަމަ، އެ ލޯނުތައްވެސް ޗައިނާއިން ފަސްކޮށްދޭނެ ކަމަށް މިހާރު ވެސް ހާމަކޮށްފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި އިތުރު ދަރަނި ދިވެހިންގެ ބޮލުގައި އަޅުވައިގެން ސިޔާސީ ފައިދާއަށާއި ފަސާދައަށް ބަޖެޓުގެ ބޮޑުބައެއް ކަނޑައަޅަށް ގަސްދުކޮށް، ބަހަނާއެއްގެ ގޮތުގައި ޗައިނާގެ ލޯނުގެ ވާހަކަ ދައްކަން ޖާގައެއް ނޯންނާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.