ފަރިވާ ސްޓޭއަށް ފުލުހުން ކަމަށް ހެދިގެން ވަދެ އެތަނުން ފޭރުނު މައްސަލައިގެ ތުހުމަތުގައި އިތުރު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ފަރިވާއިން ފޭރުނު މައްސަލައިގައި ހައްޔަރުކުރި އިތުރު 2 މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެމީހުންގެ ތެރެއިން 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހު 15 ވަނަ ދުވަހު ކަމަށާއި 43 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހު 16 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެމައްސަލައިގައި މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ފުރަތަމަ މީހާ ހައްޔަރުކޮށްފައިވަނީ މިމަހު 12 ވަނަ ދުވަހުއެވެެ. އަދި އެމީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.
ފުލުހުން ބުނީ ތަހުގީގުގައި މިހާތަނަށް ކުރި މަސައްކަތުން ފޭރުނު ބައެއް ތަކެތި ހޯދާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.