ކޮވިޑް-19ގެ ސަބަބުން ނުބޭއްވި، ފަސްކޮލށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބާއްވަން ޝެޑިއުލްކޮށް، ތައްޔާރުވަމުންދާ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އަންނަ މާޗް މަހުގެ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ތައްޔާރުވަމުން ދާ ނަމަވެސް، އިންތިހާބު ބާއްވާނެ ރަސްމީ ތާރީހެއް އިއުލާން ކުރާނީ ސަރުކާރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށް އިއުލާން ކުރުމުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ޖޫން މަހު ފާސްކޮށްފައިވާ ގާނޫނުގައި ބުނާ ގޮތުން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހުއްދަ ދެވޭނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. އަދި މި ހާލަތު އުވާލާތާ 7 ދުވަސްތެރޭގައި އިންތިހާބު ބާއްވަނެ ތާރީހެއް އިއުލާން ކުރުމަށް އީސީގެ މައްޗަށް ލާޒިމުވާނެއެވެ.

އިންތިހާބުގެ ކަންތަކަކީ ކުއްލިއަކަށް ބޭއްވޭނެ ކަންކަމެއް ނޫން ކަން ފާހގަ ކުރައްވާ ޝަރީފް ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާނެ ކަމަށް ލަފާ ކުރާ ތާރީހެއްގައި އިންތިހާބު ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް މިއީ ރަސްމީ ތާރީހެއް ނޫން ކަމުން މި ތާރީހަށް ބަދަލު އަންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އީސީން މިހެން ބުނެފައި ވާއިރު، އެ ކޮމިޝަނުން ވަނީ ކޮވިޑް-19 އިން ރައްކާތެރިވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެކުލަވާލައި އާއްމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކެމްޕޭންކުރަން ހުރަހެއް ނެތް ކަމަށް ބުނެފައެވެ.

މިއަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވެފައިވާ ލޯކަލް ކައުންސިލް އިންހާބާއި އަނަހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައިވާއިރު މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މުއްދަތު ދަންމާލުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.