ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން މުހިއްމު ކަމަށް މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރޭ ވާޗުއަލްކޮށް މީޑިއާގެ މިނިވަންކަމާ ބެހޭ ބައިނަލްއަގްވާމީ ކޮންފަރެންސްގެ ހަވާސާގައި ކުރިއަށް ދިޔަ މީޑިއާ ފްރީޑަމް ކޯލިޝަންގެ ވަޒީރުންގެ ފެންވަރުގެ ފުރަތަމަ ބައްދަލުވުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މީޑިއާގެ މިނިވަންކަމަކީ ޑިމޮކްރެޓިކް އަދި އިންސާފު އަށަގެންފައިވާ މުޖްތަމައެއްގެ އެންމެ މުހިއްމު އެއް އަސާސްކަމަށެވެ.
މީޑިއާގެ މިނިވަންކަމަށް މީޑިއާ ފްރީޑަމް ކޯލިޝަނުން އެކަށައަޅާފައިވާ ހަމަތަކަކީ ރާއްޖެއިން ގަބޫލުކުރާ ހަމަތަކެއްކަން ބަޔާން ކުރައްވައި، މީޑިއާގެ މިނިވަންކަމަށް ރާއްޖޭގައި އޮތް ހުރަސްތައް ނައްތާލަން ސަރުކާރުން ކުރަމުން ދާ މަސައްކަތްތައް ފާހަގަ ކުރައްވާ ވިދާޅުވީ، މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އޮތް ހިޔާލުފާޅުކުރުމާއި އަބުރު ރައްކާތެރިކުރުމާ ބެހޭ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަކީ ބަރުލަމާނީ ހަޔާތުގައި މިނިސްޓަރު ކުރެއްވި އެންމެ ފަހު މަސައްކަތް ކަމަށެވެ.
އެގޮތުން 2018 ވަނަ އަހަރު އެ ގާނޫނު އުވާލުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވުމުން ރާއްޖޭގެ މީޑިއާގެ މިނިވަންކަމުގެ ތާރީހުގެ ކަޅު ސަފްހާއެއް ނިމުމަކަށް އައިކަން ފާހަގަ ކުރައްވާ، ރާއްޖޭގެ މީޑިއާގެ މިނިވަން ކަމަށް މިހާރުގެ ސަރުކާރުން ކުރަމުން ގެންދާ ބައެއް ކަންކަންވެސް މިނިސްޓަރު ޝާހިދު ފާހަގަ ކުރެއްވިއެވެ.
އެގޮތުން ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟްވާންގެ ކޭސްއާއި މަރާލާފައިވާ ބްލޮގަރު ޔާމީންގެ ކޭސް ރިޔާސީ ކޮމިޝަނުން ބަލަމުން ދާކަން ފާހަގަ ކުރައްވައި، މީޑިއާތައް ޖޫރިމަނާ ކުރުމުގެ ބަދަލުގައި ޒިންމާދާރު ނޫސްވެރިކަމަށް މީޑިއާ އަހުލުވެރިކުރުމަށް ދައުލަތުގެ މުއައްސަސާތަކުގެ މިސްރާބު ބަދަލު ކުރެވުނުކަންވެސް މިނިސްޓަރ ޝާހިދު ފާހަގަ ކުރެއްވިއެވެ.
"ކޮވިޑް-19ގެ ޙާލަތުގައި މީޑިއާގެ މިނިވަންކަން" މި ޝިއާރުގެ ދަށުން މިއަހަރުގެ ގްލޯބަލް ކޮންފަރެންސް އޮން މީޑިއާ ފްރީޑަމް ބާއްވަނީ ކެނެޑާ އާއި ބޮޓްސްވާނާ ގުޅިގެންނެވެ.
މީޑިއާ ފްރީޑަމް ކޯލިޝަން އުފެއްދީ 2019 ވަނަ އަހަރު ޖުލައި މަހު، ނޫސްވެރިކަމުގެ މިނިވަންކަމާ ބެހޭ ބައިނަލްއަގްވާމީ ކޮންފަރެންސްގައެވެ. އެ ކޯލިޝަންގައި ބައިވެރިވާ މެންބަރު ގައުމުތަކުން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަމާއި، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް، ނޫސްވެރިކަމުގެ ޒިންމާ އަދާކުރީތީ އެ ނޫސްވެރިންނަށް އަނިޔާ ކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށެވެ.
ކޯލިޝަންގައި މެންބަރު 38 ގައުމު ހިމެނޭ އިރު، ރާއްޖެއަކީ ކޯލިޝަންގެ އެގްޒެކެޓިވް ގްރޫޕްގެ މެންބަރެކެވެ. އެގްޒެކެޓިވް ގްރޫޕްގައި ދެން ހިމެނެނީ އެ ކޯލިޝަން އުފެއްދުމުގައި ހަރަކާތްތެރިވި ކެނެޑާއާއި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ، ލެޓްވިއާ، ޖަރމަނީ، ގާނާ އަދި ނެދަލެންޑްސްއެވެ.