އިއްޔެ ރާއްޖެއަށް 2000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ބޯޑަރު އަލުން ހުޅުވާލިފަހުން އާ ރިކޯޑެއް ހާސިލްވެފައިވާ ކަމަށެވެ. އެގޮތުން އިއްޔެ 2000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް މިނިސްޓާ ވިދާޅުވިއެވެ.

މިނިސްޓާ ވަނީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްް ޝުކުރު އަދާކުރައްވާފައެވެ.

އިއްޔެ ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައި ވާއިރު، މި މަހުގެ 1 ވަނަ ދުވަހަކީ މީގެ ކުރިން ރެކޯޑު އަދަދަކަށް ފަތުރުވެރިން އައި ދުވަހެކެވެ. އެގޮތުން އެ ދުވަހު ވަނީ ޖުމްލަ 1،582 ފަތުރުވެރިން އައިސްފައެވެ.

މި މަހުގެ ކުރީކޮޅު ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި 15ގައި ބޯޑަރު ހުޅުވުމާއެކު އެންމެ ގިނައިން ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ ރަޝިއާ ފަތުރުވެރިންނެވެ. އެގޮތުން ރަޝިއާގެ 11240 މީހުން ރާއްޖެ ޒިޔާރަތްކޮށްފައި ވާއިރު، އިނގިރޭސިވިލާތުގެ 4468 މީހުންނާއި އަދި ޔޫއެސްއޭގެ 3927 މީހުން އަދި ޔޫއޭއީގެ 3858 މީހުން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ހަމައެއާއެކު އިންޑިއާގެ 3418 މީހުންނާއި ޖަރުމަނުގެ 2592 މީހުން ވެސް ރާއްޖެ ޒިޔާރަތް ކޮށްފައި ވެއެވެ.

ބޯޑަރު ހުޅުވާލިފަހުން 16 އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރަމުން ދާއިރު 10 އެއާލައިނަކުން އަންނަ މަހުގެ ނިޔަލަށް ދަތުރުތައް ފަށާނެއެވެ. އެގޮތުން އަންނަ މަހުގެ ނިޔަލަށް ދަތުރުތައް ފަށާން ހަމަޖެހިފައި ވަނީ ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިންސް، ނޯޑްވިންޑް، އަޒުރް އެއާ ރަޝިއާ، އަލްޓާލިއާ، އެއާ ފްރާންސް، އަޒުރް އެއާ ޔޫކްރެއިން، ނެއޮސް ސްޕާގެ އިތރުުން ގުލްފް އެއާ އަދި ރަޝިއާ އެއާލައިނުންނެވެ.

ކޮވިޑް-19ގެ ހާލަތަށް ބަލާލާއިރު، ބޯޑަރު ހުޅުވިފަހުން ރާއްޖެ ޒިޔާރަތްކުރި 51،000 އަށްވުރެ ގިން ފަތުރުވެރިންގެ ތެރެއިން 143 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން 92 މީހަކު ބަލިން ރަނގަޅުވިއިރު، 51 މީހުން އަދިވެސް ތިބީ ބަލިކޮށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އެފުށްމިފުށަށް ޖެހިގެން ދިޔުމަށްފަހުން އަލުން އަނބުރާ ކޮޅަށް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، މިހާތަނަށް 123 ރިސޯޓާއި 87 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 121 ސަފާރީ އޮޕަރޭޓް ކުރަމުން އެބަދެއެވެ. އެއީ 33014 އެނދެވެ. މީގެ އިތުރަށް އަންނަ ޑިސެމްބަރުމަހުގެ ނިޔަލަށް 1340 އޮޕަރޭޓްކުރަން ފަށަން ނިންމާފައި ވާއިރު އެއީ ސަފާރީއަކާއި، 8 ރިސޯޓެވެ.

މިހާރު އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގަިއ ބޭނުން ކުރަމުން ދަނީ ފަން އައިލެންޑް ރިސޯޓް، ވެލިދޫ އައިސޮލޭޝަން ފެސިލިޓީގެ އިތުރުން ސެންޓްރަލް އައިސޮލޭޝަން ފެސިލިޓީއެވެ.