މިދިޔަ އޮކްޓޯބަރު މަހު މޯލްޑިވްސް ކަސްޓަމްސް އަށް ލިބުނުު އާމްދަނީ، 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 41 ޕަސަންޓް ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓްމަސް އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުން، އޮކްޓޯބަރު މަހުގެ ޖުމްލަ އާމްދަނީ ދަށަށް ގޮސްފައިވާއިރު، އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 295 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އިމްޕޯޓް އެކްސްޕޯޓް ވެސް ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން، އިމްޕޯޓް 51 ޕަސަންޓުން ދަށްވެފައިވާއިރު، އެކްސްޕޯޓް ދަށްވީ 5 ޕަސަންޓުންނެވެ.

އޮކްޓޯބަރު މަހު 305 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު، އެއީ، ހައްތަހާވެސް މަހުގެ އުފެއްދުންތަކެވެ. އެގޮތުން، އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ތައިލެންޑް، ފްރާންސް، ޖާމަނީ، ޔޫކޭ އަދި އެމެރިކާ ހިމެނެއެވެ. އެއީ ތައިލެންޑަށް 166 މިލިއަން ރުފިޔާ، ފްރާންސަށް 22 މިލިއަން ރުފިޔާ، ޖާމަނީއަށް 17 މިލިއަން ރުފިޔާ ޔޫކޭއަށް 13 މިލިއަން ރުފިޔާގެ ތަކެތީގެ އިތުރުން އެމެރިކާއަށް 11 މިލިއަން ރުފިޔާގެ ތަކެއްޗެވެ.

އޮކްޓޯބަރު މަހު 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވެއެވެ. އޭގެ ތެރޭގައި 398 މިލިއަން ރުފިޔާގެ މެޝިންތަކާއި، 348 މިލިއަން ރުފިޔާގެ ކާބޯތަކެތިި، 314 މިލިއަން ރުފިޔާގެ ގޭހާއި ޕެޓްރޯލްގެ އިތުރން 184 މިލިއަން ރުފިޔާގެ ކެމިކަލް ހިމެނެއެވެ. މީގެ އިތުރުން ޕްލާސްޓިކާއި، ލަކުޑި، ސިމެންތި، އުޅަނދުތަކުގެ އިތުރުން އެނާޖީ ޑްރިންކް، ސިނގިރެޓް އަދި ދުންފަތުގެ ބާވަތްތަކަކީ ވެސް އެންމެ ގިނައިން އެތެރެ ކުރި ތަކެތީގެ ތެރޭގައި ހިމެނޭ ތަކެއްޗެއްވެ.

އެންމެ ގިނަިއން މުދާ އިމްޕޯޓް ކޮށްފައިވާ ގައުމުތަކުގެ ތެރެއިން އޮމާން، އިންޑިއާ، ޗައިނާ، ސިންގަޕޫރު އަދި ޔޫއޭއީ ހިމެނެއެވެ.

އޮކްޓޯބަރު މަހު ޕްރޮސެސް ކުރެވުނު ޑިކްލަރޭޝަން އަދި ކްލިއަރެންސް ދެވިފައިވާ އުޅަނދު ފަހަރުތަކުގެ ތަފާސްހިސާބަށް ބަލާ އިރު، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 10،048 އަށް ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 20،896 ޑިކްލަރޭޝަން ހެދުނުއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ހެދުނީ 10،848 ޑިކްލަރޭޝަންއެވެ.