ގދ. ތިނަދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އުމުރުން 13 އަހަރުގެ ކުއްޖަކަށް ގެވެށި އަނިޔާ ކުރަމުންދާ މައްސަލައެއް ރޭ އެ ރަށު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ އިތުރުން ޖެންޑާ މިނިސްޓްރީން ވެސް މި މައްސަލަ ބަލަމުންދާ ކަމަށް ބުނެފައިވާއިރު، މި މައްސަލާގައި ޝާމިލުވާ ކުޑަކުއްޖާއަށް އެ މިނިސްޓްރީން ވަނީ ރައްކާތެރިކަން ކަށަވަރު ކޮށްދީފައެވެ.
މި މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅީ އާންމުންގެ މީހެކެވެ. އަނިޔާ ލިބުނު ކުއްޖާ ދިރިއުޅޭ ގެ ކައިރީގައި އުޅޭ އެ މީހާ މައްސަލަ ހުށަހަޅާފައި ވަނީ ކުއްޖާ ރޯ އަޑު އޭނާއަށް އިވޭތީއެވެ. އަދި އެ ކަމުގެ އިތުރު ތަފްސީލު އަވަށްޓެރިންގެ ފަރާތުން ލިބިފައިވާ ކަމަށް ބުނެ އޭނާ ވަނީ އެ ވާހަކަތައް ޓްވިޓާގައި ހިއްސާ ކޮށްފައެވެ.
ނަމަވެސް އެއީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ، ކުއްޖާގެ ކަރާމާތް ރައްކާތެރި ކުރުމުގެ ގޮތުން އޭނާ ވަނީ އެ ޓްވީޓްތައް ޑިލިޓް ކޮށްފައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރި ފަހުން ދެ ފަހަރަކު ފުލުހުން އެ ގެއަށް ގޮސްފައި ވާއިރު، ފުލުހުން ވަނީ ބެލެނިވެރިންގެ ހާޒިރުގައި ކުއްޖާއާ ވާހަކަ ދައްކާފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އަނިޔާ ލިބުނު ކުއްޖާ ދިރިއުޅޭ ގޭގައި އޭނާއަށް ވުރެ ހަގު ދެ ކުދިން ތިބެއެވެ.