ދިވެހިންނަކީ ކީރިތި ޤުރުއާނަށް ލޯބިކުރާ، ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އަމަލުތައް ބައްޓަންކޮށް، އެކަކު އަނެކާއަށް ހެޔޮކޮށް ހިތައި، ހެޔޮގޮތް ގަބޫލުކުރާ ބަޔަކަށް ވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ ވާޗުއަލްކޮށް ބާއްވާ ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި މުބާރާތް ވާޗުއަލްކޮށް އިންތިޒާމުވެގެން ދިޔުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމެއް ކަމަށެވެ. އަދި ކޮވިޑް-19ގެ ދަތި އުނދަގޫ ހާލަތުގައި ވެސް މިފަދަ މުބާރާތެއް ރާވާ ހިންގުމަށް ކުރައްވަމުންދާ މަސައްކަތަށް އެމަނިކުފާނު ވަނީ މިނިސްޓާ އޮފް އިސްލާމިކް އެފެއާޒަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މަސައްކަތް ކުރަނީ ދިވެހި ޅަ ދަރީން ތަރުބިއްޔަތު ކުރުމުގައި ވެސް ދީނީ ކަންކަމަށް އަހުލުވެރިކޮށް، ދީން ދެކެ ލޯބިވާ ބަޔަކަށް ހެދުމަށް ކަމަށެވެ.

ނައިބު ރައީސް ފައިސަލް ނަސީމް، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަދި ޑެޕިއުޓީ އިސްލާމިކް މިނިސްޓަރު ޝާފިއު އަލީ / ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓަރު ޒާހިރާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މުބާރާތަކީ އިސްލާމިކް މިނިސްޓްރީން އިންތިޒާމު ކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބައިވެރި ވެވޭނެ ގޮތަށް ވާޗުއަލްކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު އެ މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ.

ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތު / ފޮޓޯ: ރައީސް އޮފީސް

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ އޮޑިޝަންގެ ބުރާއި ފައިނަލް ބުރެވެ. އޮޑިޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމާއި ރެކޯޑިންގް ހުށަހެޅުމުގެ މުއްދަތަކީ މިއަދުން ފެށިގެން މިމަހު 28ގެ ނިޔަލަށެވެ. އޮޑިޝަންގެ ބުރުން ހޮވައިލެވޭ ފަރާތްތަކުން ފައިނަލް ބުރުގެ ރެކޯޑިންގްތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 13 އިން 17 އަށެވެ.

8 އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ބަހާލާފައި ވަނީ ދެ ކެޓަގަރީ އަކަށެވެ. އެއީ މުޖައްވަދުކޮށް ނުވަތަ ދިގު ރާގަށް ކިޔެވުމާއި، ޙަދަރުކޮށް ނުވަތަ ކުރު ރާގަށް ކިޔެވުމެވެ.