ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމް އަމިއްލަ ޖަމިއްޔާއަކުން މިއަދު ލޯންޗުކޮށްފިއެވެ.

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދާ އެ ޕްރޮގްރާމް ލޯންޗުކުރުމުގެ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ އެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ސްޕޭސް ކްރާފްޓް ޑިޒައިން ކުރުމާއި ބިލްޑް ކުރުމުގެ އިތުރުން ލޯންޗް ކުރުމަށްފަހު ސައިންޓިފިކް ރިސާޗް ކުރިއަށް ގެންދާނެ ކަމަށެވެ.

ރިފްއަތު އިތުރަށް ވިދާޅުވީ އެ ޕްރޮގްރާމް ޑިޒައިން ކުރެވިފައި ވަނީ ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ މަޝްވަރާއާއި އެކުގައި ކަމަށާއި އެ ޕްރޮގްރާމް ކުރިޔަށް ގެންދާނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ސްޕޭސް ޕްރޮގްރާމް ކުރިޔަށް ގެންދާ ގޮތައް ކަމަށެވެ.

ރިފްއަތު ވިދާޅުވީ ދިވެހި ޒުވާނުންނަށް މަދުވަނީ އެކަށޭނެ ފުރުސަތުތަކެއް ކަމަށާއި، އޭނާގެ ހުވަފެނަކީ ދިވެހި ޒުވާނުން އެސްޓްރޮނޯޓުންގެ ގޮތުގައި ކުރިއަރައިދިޔުން ކަމަށެވެ.

ދިވެހިން ތަމްރީން ކުރުމަށް އައިޖީއެސްއާއި އިނގިރޭސި ވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އެ ފައުންޑޭޝަނުގެ ހިލޭ އެހީގެ ދަށުން ތަމްރީން ޕްރޮގްރާމުތައް ކުރިއަށް ގެންދާނެއެވެ.

އެ ޕްރޮގްރާމް ކުރިޔަށްދާނީ އިނގިރޭސިވިލާތުގެ ކޭއެސްސީ ފައުންޑޭޝަނާއި ގުޅިގެންނެވެ. އަދި އެ ތަމްރީނުގައި ކިޔަވައިދޭނީ އެމެރިކާގެ ތަޖުރިބާކާރު މީހުންނެވެ.

އައިޖީއެސްއަކީ ރާއްޖޭގެ މުސްތަގުބަލުގެ ލީޑަރުން ބިނާ ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ރިފްއަތު ވަނީ ވިދާޅުވެފައެވެ.